ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ބިމެއް ހަމަޖައްސާ، އެ ބިން ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅާ ދިހަ ބުރީގެ ހަތަރު ޓަވަރު އެޅުމަށްޓަކައި 37494 އަކަ ފޫޓުގެ ބިން ވަނީ ހަމަޖައްސާފައެވެ.

2020 ވަނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން ހުޅުމާލޭގައި އަޅަން މި ނިންމި މިކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގައި 10 ބުރީގެ އެއް ޓަވަރު އެޅުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން( ޑީޖޭއޭ) އިން ބުނެއެވެ.

މި ކޯޓު ކޮމްޕްލެކްސް ޚާއްސަ ކުރެވިގެންދާނީ ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތަކަށްކަމަށާއި އެގޮތުން ޒަމާނީ ވަސީލަތްތަކާއިއެކު ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން މި އިމާރާތުގެ ހިދުމަތްތައް ޤާއިމު ކުރެވިގެންދާނެކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

މި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ޑީޖޭއޭއިން ލަފާކުރެއެވެ.

އަދި ދެވަނަ ފޭސްގައި ބާކީހުރި އެހެން ކޯޓުތަކަށް މި ބިމުގައި ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވިގެން ދާނެކަމަށްވެސް ބުނެއެވެ.

ޝަރުޢީދާއިރާއަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓުން އައްޑޫ ސިޓީގައިވެސް ކޯޓު ކޮމްޕްލެކްސް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިސްޓްރިކްޓް ކޯޓުތައް ޤާއިމު ކުރެވިގެން ދާނެކަމަށާއި އެގޮތުން މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މި ޑިސްޓްރިކްޓް ކޯޓުތަކުންވެސް ފޯރުކޮށްދެމުން ދާނެކަމަށް ޑީޖޭއޭއިން ބުނެއެވެ.

ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ އާންމުންނަށް ފަސޭހަކަމާއިއެކު އަދުލު އިންސާފަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި އެހެންކަމުން އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިމާރާތުގައި ހިނގަމުން އަންނަ ކޯޓުތަކަށް ސްޓޭންޑް އެލޯން ކޯޓުތަކަކަށް ބަދަލުވެގެން ދިއުންކަމަށާއި އަދި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި 95 އިންސައްތަ މައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުންކަމަށެވެ.

މި ކޯޓު ކޮމްޕްލެކްސްގެ ސަބަބުން ޖާގައިގެ ދަތިކަމަށް ހައްލު ލިބި ކޯޓުތަކުން ނިންމާ މައްސަލަތައް އަވަސްވެ ނިންމާ މައްސަލަތަކުގެ އަދަދުވެސް އިތުރުވެގެންދާނެކަމަށްވެސް ޑރ.އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މި ކޮމްޕްލެކްސްގައި ގިނަ ކޯޓު ރޫމްތަކެއް ހެދިގެން ދާނެ. އަދި އެއްފަހަރާ ގިނަ މައްސަލަތަކެއް ބެލުމަށް ފުރުސަތު ފަހިވެގެން ދިޔުމުގެ ސަބަބުން މައްސަލަތައް ނިމޭ ރޭޓް އަވަސްވެގެން ދާނެ.
ޑރ. ނަޒީރު

ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ މި ކޯޓް ކޮމްޕްލެކްސްގެ ބިންގާ އެޅުން ފެބުރުވަރީ 20 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.