މޯލްޑިވުސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމަނިކުފާނާއި ގުޅުން އޮތީ ދިވެހިންނާއި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެމަނިކުފާނު ސޮއި ހިމެނޭ ލިޔުމެއްގަ އެވެ.

އެ ލިއުމުގައި ވަނީ ވެލޭނާ އެއާޕޯޓާއި ގުޅޭގޮތުން އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް އެ މޭރުމުން ދައްކަވަމުން ގެންދަވަނީ، އެއާޕޯޓްގެ މައްސަލަތައް އަވަހަށް ނުނިމިއްޖެ ނަމަ، ރާއްޖޭގެ އިގުތިސޯދަށް ނުހަނު ގެއްލުންވާނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އެލިއުމުގައި ވަނީ، ޓީއެމްއޭ އާއި އަދި އެމްއޭސީއެލް އަކާއިވެސް އެމަނިކުފާނާއި ގުޅުމެއް ނެތްކަމަށެވެ. އަދި އެމަނިކުފާނާއި ގުޅުން އޮތީ ދިވެހިންނާއި ދިވެހިރާއްޖެއާއި ކަމަށްވެސް ލިޔުއްވާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ހަދަމުންދާ އައު ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ދައުލަތަށް ގެއްލުންވާގޮތަށް ޓީއެމްއޭ އަށް ދިނުމާ ގުޅޭ ގޮތުން ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އަދި އެކަމުގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މައްސަލައިގައި ރައީސް ނަޝީދު ގެންދަވަނީ ވާހަކަފުޅުދައްކަވަމުން ނެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެމްއޭސީއެލް އާއި ޓީއެމްއޭ އާއެކު ހިންގާފައިވާ މުއާމަލާތްތަކަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ސަރުކާރާއި ޓީއެމްއޭ އަށްވެސް ފައިދާހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި، ގޯސްހެދި މީހުން ހޯދައި އަވަސް ތަހުގީގެއް ކުރަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަމުން ގެންދަވާއިރު، ޓީއެމްއޭގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި، ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޖެރެޑް ޖެންސާ ހިމެނޭކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ނަމަވެސް ޖެރެޑް ޖެންސާ ވަނީ ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އޭނާ މިވަގުތު މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.