ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދެމުންގެންދާ ކުންފުނި އެލައިޑް އިންޝުއަރެންސްގެ ޗެއާމަންގެ މަގާމުން މުހައްމަދު ރަޝީދު (ހިޔަލީ) އިސްތިއުފާދެއްވައިފި އެވެ.

އެލައިޑްގެ ޗެއާމަންގެ މަގާމުން މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވިކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެލައިޑުން ބުނީ، ޗެއާމަންގެ މަޤާމުގައި ހުންނަވާ ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އަގުނުކުރެވޭވަރުގެ ހިދުމަތްތަކެއް މުހައްމަދު ރަޝީދު އެ ކުންފުންޏަށް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެކަންކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އެލައިޑުން ބުނެފައިވެ އެވެ.

އެލައިޑް އިންޝުއަރެންސްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. މީގެ އިތުރަށް މުހައްމަދު ރަޝީދު ވަނީ ސިޔާސީ ދާއިރާގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައވެ.

އެގޮތުން ޑިއާރުޕީގައި އިސްކޮށް ހަރަކާތްތެރިވުމަށްފަހު ޕީޕީއެމް އުފެއްދުމުގައި ވެސްމުހައްމަދު ރަޝީދު ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

މީގެ އިތުރަށް ކުރީގެ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވި މުހައްމަދު ރަޝީދު (ހިޔަލީ) ވަނީ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް 2018 ގެ ފަހުކޮޅު ޕީޕީއެމް ދޫކުރައްވައި އެމްޑީޕީ އާއި ގުޅިވަޑައިގެންފަ އެވެ.