އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ޖުމްހޫރީ ޕާޓީން ކުރިއަށްގެންދާ ޕްރައިމަރީގެ ވޯޓުލުން ހުކުރުދުވަހުގެރޭ 09:00 އަށް އިތުރުކޮށްފި އެވެ.

ޖޭޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ ހުކުރު ދުވަހުގެ މެންދުރުފަހު 2:30ގަ އެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ ތިން ސަރަހައްދެއްގަ އެވެ. އެއީ މާލެ ސިޓީ، އދ. މާމިގިލި އަދި އދ.ފެންފުށީގަ އެވެ.

މާލެ ސިޓީގައު ޕްރައިމަރީ ކުރިއަށްގެންދަނީ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގަ އެވެ. ކުނޫޒުގައި ތިން ފޮށްޓެއް ބަހައްޓާފައި ވާއިރު އޭގެތެރޭގައި ހިމެނެނީ، މާލެ ސިޓީ 15، މާމިގިލި- މާލެ، އަދި ފެންފުށި-މާލެ މި ތިން ފޮއްޓެވެ.

މީގެ އިތުރަށް މާމިގިލީ ގައި ދެ ފޮށި ބަހައްޓާފައި ވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ މާމިގިލި ޕްރީ ސްކޫލާއި، އިޖްތިމާއީ މަރުކަޒުގަ އެވެ.

ފެންފުށީ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެރަށުގެ ޖުމްހޫރީ ޕާޓީ ޖަގަހައިގަ އެވެ.

ވީ ފޮޓޯ: އަހުމަދު ޝުރާއު

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި ޕްރައިމަރީއެއް ކަމަށާއި ވަރަށްބޮޑު ތަރުހީބެއް ވެސް ލިބެމުންދާ ކަމަށެވެ.

ވޯޓުލުން ހަމަޖައްސާފައިވާ ވަގުތު 9 ޖެހުމާ ހަމައަށް އިތުރުކުރީ ވެސް ތަރުހީބުގެ ބޮޑުކަމުން ކަން ފާހަގަކުރައްވައި، އާރިފު ވިދާޅުވީ މާމިގިލި އަދި ފެންފުށީގައި ބަހައްޓާފައިވާ ފޮށިތައް ކައިރީގައި 7 ޖަހަން ގާތްވިއިރުވެސް ބޮޑު ކިޔުއެއް އޮތްކަމަށެވެ.

ޕްްރައިމަރީ އަށް ތައްޔާރުވުމުގެ ގޮތުން ކެންޑިޑޭޓުން ވަރަށް ފޯރިއާއެކު ކެމްޕެއިންކުރަމުން ދިޔަކަންވެސް އާރިފު ފާހަގަކުރެއްވި އެވެ. ވޯޓުލަމުންދާ ވަގުތު އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައިނުވާ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ޝަކުވާތައް އަންނަ ކަމަށް އާރިފު ވިދާޅުވި އެވެ.

ވީ ފޮޓޯ: އަހުމަދު ޝުރާއު

އެހެންނަމަވެސް، ހައްލު ނުކުރެވޭ ވަރުގެ އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށައެޅިފައިނުވާ ކަމަށާއި، ކިޔޫގައި ގިނައިރު ކޮޅަށް ތިބެން ޖެހުމުގެ ޝަކުވާ އާއި، ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތުން ފަދަ ޝަކުވާތައް ހުށައެޅިފައިވާކަމަށް ވެސް އާރިފް ވިދާޅުވި އެވެ.