އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ޖުމްހޫރީ ޕާޓީން ކުރިއަށްގެންދިޔަ ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފި އެވެ.

ޖޭޕީގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައި ވަނީ ތިން ސަރަހައްދެއްގަ އެވެ. އެ ތިން ސަރަހައްދަކީ އެއީ މާލެ ސިޓީ، އދ. މާމިގިލި އަދި އދ. ފެންފުއްޓެވެ.

މާލެ ސިޓީ ގައި ޕްރައިމަރީ ކުރިއަށްގެންދިއައީ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގަ އެވެ. ކުނޫޒުގައި ބެހެއްޓީ މާލެ ސިޓީ 15، މާމިގިލި- މާލެ، އަދި ފެންފުށި-މާލެ މި ތިން ފޮއްޓެވެ.

މީގެ އިތުރަށް މާމިގިލީގައި ވޯޓުލުން ކުރިއަށްގެންދިއައީ އެރަށު ޕްރީ ސްކޫލާއި، އިޖްތިމާއީ މަރުކަޒުގަ އެވެ.

ފެންފުށީ ވޯޓުލުން ކުރިއަށްގެންދިއައީ އެރަށު ޖުމްހޫރީ ޕާޓީ ޖަގަހައިގަ އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި ޕްރައިމަރީއެއް ކަމަށާއި ވަރަށްބޮޑު ތަރުހީބެއް ޕްރައިމަރީއަށް ލިބުނު ކަމަށެވެ. އަދި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކަށް ލިބޭނެ އެންމެ ބޮޑު ތަރުހީބު ޖޭޕީގެ ޕްރައިމަރީ އަށް ލިބިފައިވާ ކަމަށް އާރިފު ވިދާޅުވިއެވެ.

އެގޮތުން ވޯޓުލާން ކުރިން ކަނޑައެޅި ވަގުތު 9 ޖެހުމާ ހަމައަށް އިތުރުކުރީ ވެސް ތަރުހީބުގެ ބޮޑުކަމުން ކަމަށް ވިދާޅުވި އެވެ. އަދި ވޯޓުލުން ކުރިއަށްދިއަ ވަގުތު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ޝަކުވާތައް އައި ކަމަށް އަލީ އާރިފު ވިދާޅުވި އެވެ.

އެހެންނަމަވެސް، ހައްލު ނުކުރެވޭ ވަރުގެ އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށައެޅިފައިނުވާ ކަމަށްވެސް އާރިފް ވިދާޅުވި އެވެ.

ޕްރައިމަރީގެ ރަސްމީ ނަތީޖާ އިއުލާންކުރާނެ އިރެއް އެޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ.