ނުރައްކާތެރި ކޮރޯނާވަރިއަސް (ކޯވިޑް-19) އަށް ޝައްކުކުރެވިގެން ކަރަންޓީންކުރި ދިވެހިންގެ ތެރެއިން 2 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ދޫކޮށްލާފައިިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ދެ މީހުން ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައި ވަނީ އެ ދެމީހުންނަކީ ޑަބްލިއުއެޗްއޯއިން ކަނޑައެޅި މުއްދަތުގައި ޗައިނާއިން އެ ވައިރަސް ފެނިފައިވާ ސިޓީ އަކަށް ދަތުރުކުރި ފަރާތްތަކަށް ވުމުން ނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމީހުން ދޫކޮށްލީ، ވައިރަސް އެމީހުންގެ ހަށިގަނޑުގައި ނެތްކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.

ޗައިނާ އިން ރާއްޖެ އައި މީހުންގެ ތެރެއިން 3 މީހަކު ކަރަންޓީން ފެސިލިޓީ ގައި ބަހައްޓާފައި ވާއިރު، މި ފަރާތްތައް ދޫކުރަނީ 14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށްފަހު އެވެ.

މިހާތަނަށް 14 ދުވަސް ހަމަވެގެން ދޫކޮށްލާފައި ވަނީ 2 މީހުންނެވެ.

ކޯވިޑް-19 އާ ގުޅިގެން މިވަގުތު މީހުން އެކަހެރިކޮށް ބަހައްޓަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ފަރުކޮޅުފުށީގަ އެވެ. ސަރުކާރުން މިހާރު ދަނީ ދާއިމީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މާލެއަތޮޅު ވިލިވަރުލު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރެމުންދާތީ ރާއްޖެއިން ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ރާއްޖެ އާއި ޗައިނާއާއި ދެމެދު ކުރާ ސީދާ ދަތުރުތައް ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ. އަދި ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އައިސޮލޭޝަން ފެސިލިޓީ ވެސް ވަނީ ގާއިމްކޮށްފަ އެވެ.

މީގެއިތުރަށް ކޮރޯނާވައިރަހާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހެލްޕް ޑެސްކެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖެ އެތެރެވާ މައި އެއަރޕޯޓްތަކާއި، ޕޯޓްތަކުން މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެ ވައިރަހުގެ އަލާމާތް ހުރިތޯ ބެލުމަށް 20 މީހަކާއި ސުވާލުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮރޯނާވައިރަހުގައި މިހާތަނަށް 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، މި ބަލި ގާތްގަނޑަކަށް 66،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.