ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކު ގަޔަށް ވަޅިޖެހި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ހުޅުމާލޭގައި ތޫނުއެއްޗަކުން 3 ބިދޭސީންނަށް ހަމަލާދިން މައްސަލައިގައި، 22އ. ގެ ދިވެހި ފިރިހެނަކު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅު ހުޅުމާލޭގައި ދިން މި ހަމަލާގެ ތުހުމަތަށް ޖުމްލަ 4 މީހަކު މިވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ދިވެހިން ނެވެ.

ހުޅުމާލޭގައި ދިން މި ހަމާލާގައި ޒަހަމްކޮށްލާފައި ވަނީ، ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ދެ ފިރިހެނުންނާއި، އޮސްޓްރޭލިއާ ފިރިހެނަކަށެވެ.

މި ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ ދިވެހިބަހުން އަޑު އަޅާފައިވާ ވީޑިއޯ އެއް ވަނީ ހަމަލާދިންތާ 48 ގަޑިއިރު ނުވަނީސް އާއްމުކޮށްފަ އެވެ. ވީޑިޔޯ އާންމުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ދިވެހި ޓެލެގްރާމް ޗެނަލެއްގައި ކަމަށްވެ އެވެ.

ވީޑިޔޯއިން ފެންނަނީ މޫނު ނިވާކޮށްފައި ތިބި ތިން މީހުން ނެވެ. ވީޑިޔޯގައި ބުނަނީ ރާއްޖޭގައި ފަތުރުވެރިންތަކަށް ދީފައިވާ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށާއި، އެ ހަމަލާ ދިނީ "ކާފަރުންނަށް" ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ހީވެފައި އޮންނާތީ އެކަން ބަދަލުކުރުމަށް ކަމަށްބުނެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ވީޑިޔޯގެ ސައްހަކަން ކަށަވަރުކުރުމަށް އެކަން ބަލަމުންދާ ކަމަށެވެ. އަދި ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށްވެސް ފުލުހުންނާއި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.