ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް އޮތްގޮތުން ސިޔާސީ ނުފޫޒަށް ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި، ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް ހުށަހަޅުއްވާ ފައެވެ. މި ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު އިއްވާފައި ވާއިރު، ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި އޮތީ ފުލުހުންގެ ޚިދުމަތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށް އަދި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމާއެކު ދެވޭ ޚިދުމަތެއްކަން ކަށަވަރު ކުރުމެވެ.

މި ބިލް އާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަންް ވެސް ކުރައްވަމުންގެންދަވާ ކުރީގެ ސީޕީ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބިލް އޮތްގޮތުން ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ފުލުހުންނަށް ސިޔާސީ ނުފޫޒާއި އެހެނިހެން ނުފޫޒުތައް މިހާރަށްވުރެ ބޮޑަށް ފޯރުވުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒު ވިދާޅުވީ ފުލުހުންނަކީ އެއްވެސް ނުފޫޒެއް ނެތި، އުސޫލެއްގެ ތެރެއިން ހިދުމަތްކުރެވޭ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ގާނޫނެކެވެ.