ގިނަ ދުވަސްތަކެއް ވަންދެން މާލޭ ރައްޔިތުން ދަތުރުގޮސް އުޅުނީ މާލެ ކައިރިން އުތުރުގައި އޮންނަ ކުޑަ ބަނޑޮހަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ އެކި މަޝްރޫއުތަކަށް ކުރީގެ ސަރުކާރުން ފަޅުތަކާއި، ރަށްތައް ދޫކޮށްފައި ވާއިރު، ކުޑަ ބަނޑޮސް ވެސް ވަނީ އެކަމަށް ދޫކޮށްފައެވެ.

އެއަށްފަހު މާލޭގައި ދިރިއުޅޭ ރައްޔިތުން ތިބީ ދަތުރުދާނެ ރަށެއް ނެތިފަ އެވެ. އެކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދަނިކޮށް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދޭނެ ކަމަށް ވައުދުވެވަޑައިގެން، ރައްޔިތުންގެ އުންމީދުތައް އައު ކޮށްދެއްވާފަ އެވެ.

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅައިދިނުމުގެ ވައުދަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދައިދިނުމަށް ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު ސަރުކާރަށް 1 އަހަރު ފުރިގެން ދިޔަ އިރުވެސް ރައްޔިތުމީހާ ދެކުނު ހުވަފެން ހަގީގަތަޖަށް ވެފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ކަމުގެ ހުވާ ކުރައްވާފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެއަށްފަހު މިހާރު މި ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް އަހަރެއް ވެސް ފުރި، 2020 ވަނަ އަހަރު ވެސް ފެށިފައެވެ.

ޕިކްނިކްދާނެ ރަށެއް ހަމަނުޖެހުމުން އާންމުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާ ގައި އަނެއްކާވެސް މިވަނީ ފާޅުކުރަން ފަށާފަ އެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން މިކަމަށް އަދި ޖަވާބުދާރީ ވެފައެއް ނުވެއެވެ. ކަމާއި ގުޅުންހުރި ސަރުކާރުގެ އިދާރާއެއްގެ ބަހެއް ހޯދަން ކުރި މަސައްކަތުން ސަރުކާރުގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދު

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ތައިލެންޑްގެ ސިންހާ އެސްޓޭޓުން، އެނބޫދޫ ފަޅުގައި ރިސޯޓް ހެދުމަށް ހިއްކާފައިވާ ނުވަ ރަށުގެ ތެރެއިން ރަށެއްގައެވެ. އެ ތަނުން ދަތުރު ދިއުމަށް ކަނޑައަޅާފައިވާ ރަށް ދަތުރުގޮސް އުޅެވޭނެ ރަށެއްގެ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ހަތް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަވާލުކުރި ކޮންސްޓްރަކްޝަން ކުންފުނި ތަކަކީ އައިމާ ކޮންސްޓްރަކްޝަން، އެސްއޭއެސް ކޮންސްޓްރަކްޝަން، އެލިއާ ކޮންސްޓްރަކްޝަން، އެޗްޕީއެސް މޯލްޑިވްސް، ކުރިހަރަ ކޮންގްޔޯ، އެސްއެލްޕީގެ ގްރޫޕް އަދި ލާމާ ގްރޫޕެވެ. މި ރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ދަތުރުގޮސް އުޅޭއިރު ދިމާވާ އެއްވެސް ކަމަކަށް ދައްޗެއް ކުރިމަތިނުވާނެ ފަދަ ގޮތަކަށެވެ.

އެ ހަތް ކުންފުނި ވަނީ އެކި މަސައްކަތްތައް ބަހާލާފަ އެވެ. އެގޮތުން އައިމާ ކޮންސްޓްރަކްޝަނާ ހަވަލުކޮށްފައިވަނީ ނަމާދު ކުރާ ކޮޓަރިއާއި، ލޭންޑް ސާވޭ ހެދުމަށެވެ. އެސްއޭއެސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ އޮފީސް ބިލްޑިންއާއި ވޯޓާ ސްޕޯޓްސް ބިލްޑިން ކުރިއަށްގެންދިއުމަށެވެ. އެރައިވަލް ބިލްޑިން އާއި އާއިލާތަކަށް ހާއްސަ ދެ ބިލްޑިން ބިނާކުުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްްޓްރަކްޝަންސްއާއެވެ.

މީގެއިތުރަށް ކޮންސްޓްރަކްޝަން މެނޭޖްމަންޓާއި ކުއަންޓިޓީ ސާވޭގެ މަސައްކަތް އެޗްޕީއެސް މޯލްޑިވްސް އާއި ހަވާލުކޮށްފައި ވާއިރު ކުރިހަރަ ކޮންގްޔޯއާ މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަންބިންގެ މަސައްކަތްތައް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރަށް އެސްއެލްޕީ ގްރޫޕާ ސުޕަވިޝަން މަސައްކަތްތަކާއި ލޭބަރުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި ވާއިރު، ލާމާ ގްރޫޕާ ހަވާލުކޮށްފައިވާ މަސައްކަތް ހާމަކޮށްފައެއް ނުވެއެވެ.

މި ކުންފުނިތަކަކީ އެނބޫދޫ ފަޅުގެ ރަށްތަކުގައި މިހާރުވެސް ކޮންސްޓްރކްޝަން މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކެވެ.

ރަނގަޅު ފެންވަރު ފެންވަރަކަށް އެރަށް ތަރައްގީކުރުމަށް ކުންފުނިތަކާ ހަވާލުކުރުމަށްފަހު މިދިޔަ އަހަރުގެ ފަހުކޮޅު ސަރުކާރުން ވަނީ ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެއް ދުވަހުގެ މުއްދަތަށް ބައްދަލުވުމެއް ބައްވާފައެވެ. އެއަށްފަހު މި މަސައްކަތާ ގުޅުންހުރި މައުލޫމާތެއް ސަރުކާރުގެ ފަރާތުން ލިބިފައެއް ނުވެއެވެ.

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައި އެކަން އިއުލާނުކުރުމަށް 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 02 ވަނަ ދުވަހު ބެއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަސައްކަތް 2020 ވަނަ އަހަރުގެ ކުރީކޮޅު ނިމި، ރައްޔިތުންނަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި މިރަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމުން ޕިކްނިކް އައިލެންޑެއްގެ އިންތިޒާރީ ކޮޅުންލައި ރައްޔިތުން އަނެއްކާވެސް މިވަނީ، ސޯޝަލް މީޑިއާ ގައި ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފަ އެވެ. އެ މަސައްކަތަށް ކިތަށް 100 ދުވަސް އަދި، ކިތައް އަހަރުގެ ކުރީކޮޅަކަށް މަޑުކުރަންޖެހޭނެތޯ ބައެއް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.