• މަންޓާއިން ބުނާގޮތުގައި ޓީއެމްއޭގެ މަގްސަދަކީ އޭވިއޭޝަން އިންޑަސްޓްރީ ކޮންޓްރޯލްކުރުން
  • މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭއިން ވާކަހަދެއްކީ ހަގީގަތާއި ހިލާފަށްކަމަށް މަންޓާއިން ބުނޭ
  • މިމައްސަލާގައި އޭސީސީން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައީއޭ) ގައި އެމްއޭސީއެލް އިން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލާއާއި ގުޅޭ ގޮތުން، އޭވިއޭޝަން ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ޓާމިނަލްގެ މައްސަލަ ހޫނުވީ ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގަކަށް ޓީއެމްއޭއަށް ދޫކުރަން ނިންމި މައްސަލަ ފެންމަތިވި ހިސާބުންނެވެ.

ޓީއެމްއޭއަށް މިހާރުވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް ދޭން ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެހެންކަމުން ސަރުކާރުގެ މި އުސޫލާ ގުޅޭގޮތުން ޓީއެމްއޭ އިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މަންޓާ އެއާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.

ރާއްޖޭގެ ތިން ވަނަ ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ މަންޓާ އެއާގެ ސިޓީގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ނަގައި ޓީއެމްއޭ އިން މަސައްކަތް ކުރަމުންދަނީ ވާދަވެރިކަން ނައްތާލުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން ވާހަކަދައްކާފައިވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށް މަންޓާއިން ބުނެފައި ވެއެވެ. އަދި ޓީއެމްއޭއިން ދައްކާފައިވާ ގިނަ ވާހަކަތަކާ ގުޅޭގޮތުން މަންޓާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭއިން ބުނެފައިވަނީ ވީއައިއޭގައި އެ ކުންފުނިން އަމިއްލައަށް ހަދައި، މިހާތަނަށް ހިންގަމުން އަންނަ ޓާމިނަލަށް 18 މިލިއަން ޑޮލަރު ހޭދަކުރީ އެމްއޭސީއެލް އިން ދިން ކޮމިޓްމެންޓަށް އިތުބާރުކޮށްގެން ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް--

އެމްއޭސީއެލް އިން އާ ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 19،000 އަކަމީޓަރު، 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއެއޭއަށް ކުއްޔަށް ދޭނެކަމުގެ ޔަގީންކަން ދިން ކަމަށް މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭއިން ބުނެފައި ވެެއެވެ. އެގޮތަށް ބަޔާންކޮށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް ތައްްޔާރުކޮށް ޓީއެމްއޭގެ ހިޔާލު ހޯދަން ވެސް އެމްްއޭސީއެލް އިން ފޮނުވި ކަމަށެވެ.

މަންޓާގެ ސިޓީގައި ޓީއެމްއޭއަށް ގިނަ ފާޑުކިޔުންތަކެއް:

މަންޓާއިން ބުނީ އެ އެއާލައިނުން ގަބޫލުކުރާގޮތުގައި އެމްއޭސީއެލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާ އާ ޓާމިނަލް ކުއްޔަށް ދޫކުރަން ނިންމައި ފިނޭންސް މިނިސްޓްރީން އާއްމުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން އޮޕަރޭޝަންތައް ހިންގޭނެ ހައްލެއް ކަމަށެވެ. އެ ހައްލު ގަބޫލުނުކޮށް، ޓީއެމްއޭގެ އަމާޒު ހުރީ މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގައި، ވާދަވެރިންނަށް ފުރުސަތު ގެއްލުވާލުމަށް ކަމަށް މަންޓާއިން ވަނީ ބުނެފައެވެ.

މި ސިޓީގައި ސީޕްލޭން ޓާމިނަލް، މަލްޓި އޮޕަރޭޓާ ޓާމިނަލަކަށް ބަދަލުކުރަން ވަކާލާތުކުރަަނީ ޓީއެމްއޭއިން ކަމަށް ބުނާ ވާހަކައަށްވެސް މަންޓާއިން ވަނީ ރައްދުދީފައެވެ، މަންޓާއިން ވަނީ ޓީއެމްއޭގެ ވިސްނުމަކީ އެހެން ހުރިހާ އޮޕަރޭޓަރުންނަށް ފުރުސަތު ގެއްލުވައިލުން ކަމަށް ސިފަކޮށްފައެެވެ.

ޓީއެމްއޭ ސީޕްލޭން

މީގެ އިތުރުން ޓީއެމްއޭގެ މަގްސަދަކީ މުޅި އޭވިއޭޝަން އިންޑަސްޓްރީ ޓީއެމްއޭއިން ކޮންޓްރޯލް ކުރުން ކަމަށްވެސް މަންޓާއިން ވަނީ ތުހުމަތުކޮށްފައެވެ. ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލުމުން ވާދަވެރިކަމަށް ބުރޫއެރުމުގެ އިތުރުން މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުންވާނެ ކަމަށް މަންޓާއިން ވަނީ ބުނެފައެވެ.

އޭސީސީން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި:

އައު ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް، އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން މިހާރު ފަށާފައިވާއިރު، އާ ސީޕްލޭން ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލްވުމެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް އެސީސީން ބުނެއެވެ.

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބޭފުޅުންގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އޭސީސީއަށް ފަހަގަކުރެވިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އޭސީސީން ބުނީ އައު ސީޕްލޭން ޓާމިނަލާ ގުޅިގެން ބިނާކުރާ އެމްއާރްއޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއް ކަމަށާއި އެއީ ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ ހަމައެކަނި އެމްއާރްއޯ ފެސިލިޓީއަށް ވާއިރު، އެއީ 5.4 މިލިއަން ޑޮލަރަށް ކޮންޓްރެކްޓްކޮށްގެން ގާއިމުކުރާ ތަނެއް ކަމަށެވެ. އަދި އައު ސީޕްލޭން ޓާމިނަލަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ވާއިރު، އެމްއޭސީއެލް އިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ގާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓެއްގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ޓީއެމްއޭ ސީޕްލޭން

މި މައްސަލައިގައި ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެމްއޭސީއެލްއަށް އަންގާފައިވާ ކަަމަށް އޭސީސީން ބުނެއެވެ.

މިމައްސަލައިގައި އެމްއޭސީއެލްއިން ބުނީ އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މައްސަލަ އަވަހަށް ނިންމުމަށްވެސް އެމްއޭސީއެލްއިން އެދިފައި ވެއެވެ.

އައު ޓާމިނަލްގެ މައްސަލަ ނިމޭނެ ގޮތަކާއިމެދު ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައިވެސް ޝުއޫރު ފާޅުކުރަމުންނެވެ. އަދި ޓާމިނަލް ކުައްޔަށްދިނުމުގައި ވަކި ބަޔަކަށް މަންފާވާގޮތަށް ކަންކަން ނުނިންމުމަށްވެސް އެސިނާއަތުގައި ހަރަކާތްތެރިވާ ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެެ.