ރާއްޖެއިން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.

މިކަމާ ގުޅޭ ގޮތުން އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓާފައިވާކަމަށާއި މި ފައިސާ ބޭރުކުރަން އުޅުނީ ތިން ފަހަރެއްގެ މަތިންކަމަށެވެ.

ގަވާއިދާ ހިލާފަށް ބޭރުކުރަން އުުޅުނު ފައިސާ، ދިވެހި ރުފިޔާ އިން ބަލާނަމަ ހަތަރު މިލިއަން ވުރެ ގިިނަކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އޭގެ ތެރެއިން މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު 2 ފަހަރެއްގެ މަތިން 2 މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފައިވާކަން ކަސްޓަމްސްއިން ހާމަކުރެއެވެ. މިގޮތުން ޑިސެންބަރުމަހުގެ 12 ވަނަ ދުވަހު އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ވަނީ 2.1 މިލިއަން ރުފިޔާ އަތުލައިގެންފަ އެވެ.

އަދި ހަމަ އެ ދުވަހު 33 ތިން އަހަރުގެ ބަންގްލަދޭޝްގެ މީހެއްގެ އަތުންވެސް ވަނީ 6 ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފައެވެ.

ކަސްޓްމްސް އިން ބުނީ މީގެ އިތުރުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 1.3 މިލިއަން ރުފިޔާ ވެސް އަތުލައިގެންފައިވާކަމަށެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ރާއްޖެ އިން ބޭރު ކުރެވޭނީ ކަސްޓަމްސް އިން ޑިކްލެއަރ ކުރުމަށް ފަހު އެވެ.