ދިވެހި ސަރުކާރުން މުޅި ރާއްޖެ ފެހިކުރުމަށް ފެށި "ރަށް ފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން 3000 ގަސް އިންދައިފި އެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ރަށް ފެހި" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ އަހަރަވެސް ކުރިޔަށް ގެންދަން ނިންމާފައިވާ "ސްޓްލްކޯ ރަށްފެހި" ޕްރޮގްރާމްގެ ބައެއް ކަމަށެވެ.

މިއީ މި ޕްރޮގްރާމް ސްޓެލްކޯއިން ހިންގާ ދެވަނަ އަހަރު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުވެސް ސްޓެލްކޯގެ ހިދުމަތްދޭ ރަށް ރަށުގައި 2000 ގަސް އިންދާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ހިދުމަތްދޭ 35 ރަށުގައި އެއްފަހަރާ ފެށި މި ޕްރޮގްރާމްގެ މަގުސަދަކީ ދިރިއުޅޭ މާހައުލަކީ، ސާފުވައި ލިއްބައިދޭ ތަނަކަށް ހެދުމާއި، އެގަހުން ލިބޭ ފައިދާތަކުގެ މަންފާލިބޭ ބަޔަކަށް ވުމާއި، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގަސް އިންދުމުގެ ޝައުގުވެރިކަން އިތުރު ކުރުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ކުންފުނީގެ ޑިޕާޓަމެންޓްތަކުގެ މެދުގައި މުބާރާތެއްގެ ގޮތުގައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ "ރަށް ފެހި" ޕްރޮގްރާމަކީ މި ސަރުކާރު ފެށިގެން އައި އިރު، ރާއްޖޭގެ ތިމާވެއްޓާއިމެދު ރައްޔިތުން އަހުލުވެރިކުރުވާ، ހޭލުންތެރި ކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

ސްޓެލްކޯގެ އަމާޒަކީ ސަރުކާރުން އަބަދުވެސް ފަށާ މިފަދަ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުން. މިދިޔަ އަހަރު އަޅުގަޑުމެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ވަނީ ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 2 ގަސް އިންދާފައި. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ދެހާހެއްހާ ގަސް މިދިޔަ އަހަރު އިންދިފަވޭ. މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ، ކޮންމެ މުވައްޒަފަކަށް 3 ގަސް އިންދާ، ތިން ހާހެއްހާ ގަސް އިންދުން
ހަސަން މުޣުނި

ސްޓެލްކޯ ރަށްފެހި ޕްރޮގްރާމް ތަފާތު ވަނީ ހުއްޓުމެއްނެތި ކޮންމެ އަހަރަކުވެސް ހިންގާނެ ޕްރޮގްރާމަކަށް ވާތީ ކަމަށާއި، އަދި އެ ގަސްތައް އިންދުމަށްފަހުވެސް އެ ގަސްތައް ބަލެހެއްޓުމުގައި މުވައްޒަފުން ހަރަކާތްތެރިވާތީ ކަމަށް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

ފޮޓޯ: ސްޓެލްކޯ