އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދެއްކި މީހާގެ މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް އެ ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އިލެކްޝަނުން އެ މައްސަލަ ފުލުހަށް ހުށާހަޅާފައި މިވަނީ އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެތަނަށްދިޔަ ބައެއް އާއްމު ފަރާތްތަކުން އީސީގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށް ބުނާ ވަގުތެއްގައެވެ.

ވީނިއުސް އަށް މައުލުމާތު ދެއްވަމުން އިލެކްޝަންސްގެ ނައިބް ރައީސް އަކްރަމް ވިދާޅުވީ އިންތިހާބީ ފޯމް ހުށަހަޅަން އައި އާންމު ފަރާތަކުން ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.

ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފޯމްތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންނަށް ހިންގާ ބިރުދެއްކުމުގެ ހަރަކާތްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނަނާނެކަމެއް ނޫންކަމަށް އަކްރަމް ވިދާޅުވެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.