• ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ވަނީ އުފައްދާފައި
  • ޔޫނިއަން ގައި 168 އަށް ވުރެ ގިނަ ދޯނި ބައިވެރިވޭ
  • ހަމަ އަގު ހޯދުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން
  • މިނިސްޓަރ ޒަހާ، އާއި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

ރާއްޖޭގައި ބޮޑު ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ ހައްގުތަށް ކަށަވަރު ކުރުމުގެ މަސައްކަތް "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން" (ބީ.ކޭއެމް.ޔޫ) އިން ފަށައިފި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ، 150 އަށްވުރެ ގިނަ އޮޑީގެ ކެޔޮޅުންނާއި ފަޅުވެރިން ހިމެނޭގޮތުން "ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން" ރަޖިސްޓްރީކޮށްފަ އެވެ.

މި ޔޫނިއަން އުފެއްދުމުގެ އިސްކޮށް ހަރަކާތެރިވި ހދ. މަކުނުދޫ ހުސެއިން ނަޝީދު ވީނިއުސް އަށް ވިދާޅުވީ، އެ ޔޫނިއަން ވުޖޫދުކޮށް ރަސްމީކޮށް އެކުލަވާލީ ބޮޑު ކަންނެލީގެ މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް ގުޅިގެން ކަމަށެވެ. މި ޔޫނިއަންގައި ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި މަސައްކަތް ކުރާ ބޮޑު ކަންނެލީގެ މަސްވެރިން ހިމެނެ އެވެ.

ނަޝީދު ވިދާޅުވީ މި ޔޫނިއަންގެ މައިގަނޑު މަގުސަދަކީ އެ މަސްވެރިންނަށް ދިމާވާ ދަތިކަން ހައްލުކޮށްދީ، އަދި ބޮޑު ކަންނެއްޔަށް ހަމަ އަގު ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ަޅުގަނޑުމެން ބަލާލަން ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯ. އަދި ބޮޑު ކަންނެލި މަސްވެރިކަމަށް ހަމަ އަގު ލިބޭތޯ.
ހުސެއިން ނަޝީދު

ނަޝީދު ވިދާޅުވީ އެކަން ކުރުމަށް ބޮޑު ކަންނެލި ކިރުވާ ކުންފުންނިތަކާއި، ބައްދަލުކުރާނެ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ދަނީ ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އާއި ބައްދަލުކުރުމަށް ތައްޔާރުވަމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މަސްވެރިންގެ ތެރެއިން 168 ކަށްވުރެ ގިނަ ދޯނީގެ ފަޅުވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް މިނިސްޓަރަށް ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ދަނީ ތައްޔާރުވަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ގިނަ ބަޔަކު ގުޅިގެން ޔޫނިއަންއެއް ރަޖިސްޓްރީކޮށްފައިވާ އިރު، ބޮޑު ކަންނެލީގެ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަކަމުގެ ޝަކުވާ އެ ރައްޔިތުން ކުރެއެވެ.

ބޮޑު ކަންނެލި ކިލޯއެއް 2019 ވަނަ އަހަރުގެެ ތެރޭގައި ގަނެފައި ވަނީ، ޖުމްލަގޮތެއްގައި 50ރ. އާއި 40ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމަށް ނިކުންނަ ކޮންމެ ފަހަރަކު ކަނޑުމަތީގައި ގާތްގަނޑަކަށް 12 ވަރަކަށް ދުވަސް ހޭދަވާއިރު، ކަނޑުރޯދި ރަނގަޅު ދުވަސްތަކުގައިވެސް މަދުވެގެން ހަފުތާއެއްހާ ދުވަސް އާއިލާ އާއި ދުރުގައި ބޮޑުކަންނެލީގެ މަސްވެރިން ހޭދަ ކުރެއެވެ.