ފައިސާގެ ބޮޑެތި އިނާމުތަކަކާއެކު އެންޒީ ފިޝަރީޒް ކޮމްޕެނީއިން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން 2020" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނަކީ ފެބްރުއަރީ 15 އިން ފެށިގެން ޖުލައި 31ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

އެންޒީ މަސްދަޅެއް ގަތުމަށްފަހު ދަޅުގެ ލޭބަލްގެ ދަށުގައިވާ ޔުނިކް ސީރިއަލް ނަމްބަރު 5040 މިނަމްބަރަށް އެސްއެމްއެސް ކުރެއްވުމުން މިޕްރޮމޯޝަންގައި ބައިވެރިވެވުނީ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެންޒީ އިން ބުނީ ކޮންމެ މަހަކު، ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ދެވަނަ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާ ލިބޭނެ ކަމަށާއި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބޭނެ ކަަމަށް އެންޒީއިން ވަނީ ބުނެފައެެވެ.

މީގެ އިތުރަށް ޕްރޮމޯޝަން އެއްކޮށް ނިމުމުން ގްރޭންޑް ލަކީ ޑްރޯ ނެގުން އޮންނާނެކަމަށާއި މިގުރުއަތު ނެގުން އޮގަސްޓް މަހުގެ ތެރޭގައި އޮންނާނެ ކަމަށް އެންޒީއިން ވަނީ ބުނެފައެވެ.

ގްރޭންޑް ލަކީ ޑްރޯ އިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާ ލިބޭނެ ކަމަށާއި، ދެވަނައަށް ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންޒީ އިން ބުނެއެވެ. އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ ލިބިގެންދާނެ ކަމަށްވެސް އެންޒީއިން ވަނީ ބުނެފައެވެ.

އެންޒީއިން މައުލޫމާތު ދޭ ގޮތުގައި ފައިސާގެ އިނާމްތައް ފިޔަވައި އިތުރު އިނާމްތައްވެސް ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެއެވެ.

އެގޮތުން މަސްދަޅުގައިވާ ލޭބަލްގެ ފަހަތުގައި، ދެ މަސްދަޅުގެ އައިކަން ދިމާވެއްޖެނަމަ މަސްދަޅު ހިފައިގެން ދިޔުމުން ވަގުތުން އިނާމެއް ލިބިގެންދާނެކަމަށްވެސް އެންޒީއިން މައުލޫމާތުދެއެވެ.

އެންޒީގެ ހަތަރު އައުޓްލެޓަކުން މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި އަންނަނީ ޚިދުމަތް ފޯރުކޮށްދެމުން ނެވެ.