ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅަށް ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުންކޮށްލި މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ސޯލިހުގެ ކާރުކޮޅު މައްޗަށް ފެންއެއްޗެއް ބަންޑުން ކޮށްލިކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިންނެވީ ހަމައެކަނި ކާރުގެ ޑްރައިވަރުކަމަށެވެ.

ނަމަވެސް މިއީ ބަޔަކު ނުވަތަ މީހަކު ގަސްދުގައި ކުރި ކަމެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތުލިބޭ ގޮތުގައި ރައީސް އެސަރަހައްދަށް ވަޑައިގެންނެވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވާ ދެއްވުމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެށި މި ހަރަކާތުގައި ރައީސްގެ އިތުރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެޑައިގެންނެވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯއްދެވި ފުރިހަމަ ކާމިޔާބަށް ބަލާއިރު، އަދި ރައްޔިތުން ތިބީ ހަމަ އެމިސްރާބަށް ދަތުރުކުރަން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރީ އިންތިހާބަށްވުރެ ގިނަ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.