ޖުމްހޫރީ ޕާޓީން ކުރިއަށްގެންދިޔަ ޕްރައިމަރީގައި ވޯޓުލާން ނިކުތް ނިސްބަތުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް އެ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ރައީސް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ހުކުރުދުވަހު ބޭއްވި ޕްރައިމަރީއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީނިއުސްއާއި ހިއްސާ ކުރައްވާ ޔާމީން ވިދާޅުވީ، ޕްރައިމަރީގައި ވޯޓުލާން ނިކުތް ނިސްބަތަކީ ޕާޓީން އުންމީދުކޮށްގެން ތިބި ވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދިޔައީ ވަރަށް ފޯރިގަދަކޮށްކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ޕްރައިމަރީއެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މިކަމަށް ލިބޭނެ ތަރުހީބަކާ ދޭތެރޭ ކުރިން ވިސްނައިގެން ނެތްކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުން ޕްރައިމަރީގައި ވޯޓުލުމުގެ ޝައުގުވެރިކަން ހުންނާނެ ކަމުގެ އަންދާޒާއެއްވެސް ހެދިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އިންތިހާބުގައި ވޯޓުލުމުގެ ކަންތައްތައް ފެށިގެން ކުރިއަށްދާން ފެށުމުން ޖުމްހޫރީ ޕާޓީގެ މެމްބަރުން މި ޕްރައިމަރީއަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމުގެ އިހްސާސް ކުރެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

ފާހަގަކުރެވޭ އަޅުގަނޑުމެންނަށް ވުރެ ޕާޓީގެ އާންމު މެމްބަރުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ފޯރީގަ ވަރަށް ޖޯޝުގަ ވޯޓުލުމުގެ ކަންތައްތައް ކުރިއަށްގެންދިޔަކަން. ވޯޓު ލުމުގެ ކަންކަން ވަރަށް ފަހަކާ ޖެހެންދެން ކުރިއަށް ގެންދިޔަ. ވޯޓުލާން ނިންމާފައިވާ ވަގުތު ހަމަވި އިރުގައިވެސް ގިނަ އަދަދެއްގެ މީހުން ކިޔުގައި ތިބުމުން އަޅުގަނޑުމެންނަށް ވޯޓު ލުމުގެ ވަގުތު އިތުރުކުރަން މަޖުބޫރުވީ. އަދި ހަމައެހެންމެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ޕްރޮސީޖާ އަކީ ވީހާވެސް ގިނަ ބަޔަކު އިންތިހާބުގައި ވާދަ ކުރުމާއި އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދިޔުން. ދެން މިކަންކަމާ ހެދިވެސް ވޯޓު ލުމުގެ ކަންތައްތައް ދިޔައީ ލަހުން."
ޔާމީން

ވޯޓު ގުނުމަށްފަހު ވަގުތީ ނަތީޖާ އިއުލާން ކުރެވުނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ ވޯޓުގެ ޓާންއައުޓެއް އައިސްދާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

ޕްރައިމަރީގެ ކަންތައްތައް ނިމިގެންދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތިކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރު އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.

ޖޭޕީގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައި ވަނީ ތިން ސަރަހައްދެއްގައެވެ. އެ ތިން ސަރަހައްދަކީ މާލެ ސިޓީ، އދ. މާމިގިލި އަދި އދ. ފެންފުއްޓެވެ.

މާލެ ސިޓީގައި ޕްރައިމަރީ ކުރިއަށްގެންދިއައީ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައެވެ.

ކުނޫޒުގައި ބެހެއްޓީ މާލެ ސިޓީ 15، މާމިގިލި- މާލެ، އަދި ފެންފުށި-މާލެ މި ތިން ފޮއްޓެވެ.

މީގެއިތުރަށް މާމިގިލީގައި ވޯޓުލުން ކުރިއަށްގެންދިއައީ އެރަށު ޕްރީ ސްކޫލާއި، އިޖްތިމާއީ މަރުކަޒުގައެވެ. ފެންފުށީ ވޯޓުލުން ކުރިއަށްގެންދިއައީ އެރަށު ޖުމްހޫރީ ޕާޓީ ޖަގަހައިގައެވެ.