ހުޅުމާލޭގެ ރެޑްބުލް ޕާކުގައި ގިނަ ބަދަލުތަކަކާއެކު އާ ބީޗު ވޮލީބޯޅަ ކޯޓެއް އަޅާ ، ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ހުޅުވައިދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިޔަށްގޮސްފައެވެ. މި ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެއިތުރުން ރާއްޖޭގެ ފިރިހެން ބީޗު ވޮލީ ޓީމުގެ ބައެއް ކުޅުންތެރިންނާއި ވޮލީބޯޅަ އާއިލާއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކުރީގެ ވޮލީ ކުޅުންތެރިން ބައިވެރިވިއެވެ.

ބީޗު ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އަލަށް ހުޅުވި ވޮލީބޯޅަ ކޯޓުގައި އެންމެ ބޮޑު ތަފާތަކަށް ފެނިގެންދަނީ ކޯޓުގެ ވެލިގަނޑެވެ. މިއީ ރާއްޖޭގެ ކުޅުންތެރިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާއިރު އެންމެ ބޮޑު ޗެލެންޖަކާއި ކުރިމަތިލާންޖެހޭ ކަމެވެ. ދޮންވެލީގެ ބަދަލުގައި މި ކޯޓުގައި ބޭނުންކޮށްފައިވަނީ ބޭރު ގައުމުތަކުގައި ބޭނުންކުރާ ވައްތަރުގެ ވެއްޔެވެ. އަލަށް ހުޅުވި މި ކޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީއެކެވެ.

ބީޗު ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

ބީޗް ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮލީ އިންޓަރިމް ކޮމެޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވީ، މި ކޯޓަކީ އައިއޯއައިޖީއިން މެޑަލް ގެނައި ޓީމު ތައްޔާރުވުމަށް ބޭނުންކުރި ކޯޓު ކަމަށާއި އަދި މި ކޯޓު މި ފެންވަރަށް ތަރައްގީ ކުރި ކަމަށްޓަކައި މިނިސްޓަރ މަހުލޫފްއަށް ޝުކުރު ދަންނަވާކަމަށެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ބީޗު ވޮލީބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރިއިރު، ބީޗް ވޮލީބޯޅައިން ފަހަކަށް އައިސް ރާއްޖޭގެ ކުޅުންތެރިން އަންނަނީ ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑަލް ހޯދިއިރު، ހަމަ އެ ގޭމްސްގައި އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދާފައެވެ.