ބައެއް ތަންތަނުން އާދައިގެ ސްޓާފުންގެ ގޮތުގައި ދާއިމީ ނުކޮށް މިހާރުވެސް 3 މަހަށް ވުރެ ގިނަ ދުވަސްވަންދެން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާކަމުގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ކުރައްވައިފިއެވެ.

މެމްބަރު އަލީ ހުސެއިން މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަގުތެއްގައެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

މިހާރުވެސް ބައެއް ތަންތަނުގައި ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް އާދައިގެ ސްޓާފުންގެ ގޮތުގައި 3 މަހަށް ވުރެ ގިނަދުވަހު ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ޕްރޮބޭޝަންގެ މުއްދަތެއް އޮތުގެ ބޭނުމަކީ ވަޒީފާދޭ ފަރާތާއި އަދި ވަޒީފާ އަދާކުރާ ފަރާތުގެ އިތުބާރު ހޯދުންކަން ފާހަގަކުރައްވާ މެމްބަރު އަލީ ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތުން ވަޒީފާ އަދާކުރާ ތަނާ ގުޅޭގޮތުން ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯވެސް އެ މުއްދަތުގެ ތެރޭގައި ލިބިގެންވާނޭ ކަމަށެވެ. އަދި ވަޒީފާ އަދާކުރުމުގައި ކުރިއަށްދާނީތޯ ކަނޑައެޅުމުގެ މުއްދަތެއްގެ ގޮތުގައި ޕްރޮބޭޝަންގެ 3 މަސް ދުވަސް އޮންނަ ކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ އެމުއްދަތު އިތުރުކޮށްފިނަމަ ނިކަމެތިކަން އެންމެ ބޮޑަށް ލިބެނީ ވަޒީފާ އަދާކުރާ ފަރާތަށް ކަމަށެވެ.

އޭރުން ޔަގީން ކަމެއްނެތް ގޮތުގައި އަޅުގަނޑުމެން މިކިޔާ ވާނުވާއެއްގަ ވަޒީފާ ދާއިމީވާނެތޯ ނުވަތަ ނޫންތޯ ނޭގިތިބޭ ހާލަތެއްގަ. އަނެއްކާ މުސާރައާއި އިނާޔަތް އެ ދުވަސްވަރުގަ ކުޑަ އެއްޗެއް ދީފައި ބޭތިއްބުމުގެ ފުރުސަތު އޮންނާނެ. އަނެއްކާ މީގަ އެބަހުރި އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ބައެއް ކުންފުނިތަކުގައި ކެޝުއަލް ސްޓާފުންނަށް އެކަށީގެންނުވާ މިންވަރަށް މަސައްކަތް އެބަ ކުރުވާ. އަދި ބައެއް ތަންތަނުގައި ކޯ ފަންކްޝަންގައި ކުރާ މަސައްކަތްތައްވެސް ކޮންޓްރެކްއައުޓް ކޮށްގެން އެބަކުރޭ. ވިޔާފާރީގައި ބޮޑަށް ފާއިދާތަކެއް ހޯދުމުގެ ބޭނުމުގަ. އަދި ރިސޯޓުތަކުގައި މިގޮތަށް ކޮންޓްރެކް ކޮށްގެން ގެންގުޅޭ ސްޓާފުންނަކަށް ނުލިބޭނެ ސާވިސް ޗާޖެއްވެސް."
މެމްބަރު އަލީ ހުސެއިން

ރިސޯޓުތަކުގެ ބައެއް ސެކްޝަންތަކުގައި މަސައްކަތްކުރާ ޑައިވިން، ލޯންޗު ސެކްޝަން އަދި ލޯންޑްރީގެ މުވައްޒަފުންނަށް އިޝާރާތްކުރައްވާ އަލީ ހުސައިން ވިދާޅުވީ، ކޮންޓެރެކްޓު މުވައްޒަފުންގެ ގޮތުގައި އެ ފަރާތްތަކުން މަސައްކަތް ކުރާއިރު ލިބެންޖެހޭ އިތުރު އިނާޔަތްތަކެއްވެސް ނުލިބޭ ކަމަށެވެ.

އެހެންކަމުން ޕްރޮބޭޝަންގެ މުއްދަތު އިތުރުކޮށްގެން މުވައްޒަފުންގެ ނާޖާއިޒު ފާއިދާ ނެގުން ނޫން އިތުރު އެހެން އެއްވެސް ކަމެއް އެކަމުން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރަ ނުލިބޭވާހަކަ މިހާރުވެސް ދައްކަމުން އަންނަކަން ފާހަގަ ކުރައްވާ އަލީ ހުސައިން ވިދާޅުވީ، ރާއްޖެއަށް އެކަށީގެން ނުވާ މިންވަރަކަށް ބޭރުމީހުން އެތެރެކޮށްގެން އުޅޭ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މީގެ ނާޖާއިޒު ފާއިދާތަކެއް އިތުރަށް ނެގުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ވަޒީފާ ދޭ ފަރާތާ ވަޒީފާ އަދާކުރާ ފަރާތާއި ބަލާއިރު ނުފޫޒާއި ބާރުގެ ގޮތުން އަބަދުވެސް ބާރުގަދަވާނީ ވަޒީފާ ދޭ ފަރާތް. އެހެންވީމަ ގާނޫނު ހަދައިގެން ވަޒީފާ އަދާ ފަރާތުގެ ހިމާޔަތުގައި ގާނޫނު ހަދަން މިޖެހެނީ. މުޅި ގާނޫނު އައުމުގެ ބޭނުމަކީ އެއީ. މިކަމަކީ އިޖްތިމާއީ އަދާލަތުގެ ދަށުން ކުރާ ކަމެއް."
މެމްބަރު އަލީ ހުސެއިން

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވަޒީފާގެ ގާނޫނަށް ޖުމްލަ 15 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުގެ އިތުރުން ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވުން ފެށޭ ތާރީހު ކަނޑާލައި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭ ގޮތް، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތު، ޗުއްޓީ ލިބޭގޮތް އަދި މުވައްޒަފުގެ އަހުލާގާއި ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަނީ އުނިކޮށްފައެވެ.

މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.