މިހާރު ސިނަމާތަކުގައި އަޅުވަމުންދާ ބޮލީވުޑް ފިލްމު "މަލަންގް" ގައި އެކުލެވޭ މަންޒަރުތަކެއްގެ ސަބަބުން އިންޑިޔާގެ ގޯއާގައި ޝޫޓުކުރަން ހުއްދަ ދިނުމުގެ ޤަވާއިދަށް ބަދަލު ގެނަސްފިއެވެ.

އަދިއްތިޔަ ރޯއީ ކަޕޫރު އަދި ޑިޝާ ޕާޓްނީ ލީޑްރޯލުން ފެންނަ "މަލަންގް" އަކީ ތްރިލަރ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ ގޯއާއަށްދާ ފިރިހެން ކުއްޖަކު، އަންހެން ކުއްޖަކާ ބައްދަލުވެ ދެމީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ. ފިލްމުގެ މަންޒަރުތަކެއް ވަނީ ގޯއާގައި ނަގާފައެވެ.

ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދް ސާވަންތް ދެއްވި މީޑިއާ ސްޓޭޓްމެންޓެއްގައި ވިދާޅުވީ މަލަންގްގައި ދައްކުވައިދީފައިވާ ބައެއް މަންޒަރުތަކުން ގޯއާއަކީ މަސްތުވާތަކެތީގެ ހާއްޔެއްކަމަށް ދައްކާފައިވާ ކަމަށެވެ. ބޮލީވުޑް ފިލްމުތަކަކީ މުޅި ދުނިޔެ ބަލާނެ އެއްޗެއްކަމުން މިފަދައިން ކަން ކުރުމުގެ ސަބަބުން އެ ސްޓޭޓާމެދު މީހުންގެ ހިތްތަކުގައި އުފެދިފައިވާ ތަސައްވަރު ބަދަލުވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޗީފް މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން ގޯއާގައި އެއްވެސް ފިލްމެއްގެ މަންޒަރެއް ނެގޭނީ އެކަމަށް ޚާއްސަ ހުއްދައެއް ދޫކުރުމުން ކަމަށެވެ. އަދި އެހުއްދަ ދޫކުރާނީ ފިލްމުގެ ސްކްރިޕްޓު ހުށަހެޅުމުން އެންޓަރޓެއިންމެންޓް ސޮސައިޓީ އޮފް ގޯއާ، އީއެސްޖީން ކަމަށް އޭނާ ވިދާޅުވިއެވެ.

ގޯއާއަކީ ބޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް އާންމުކޮށްވެސް ޝޫޓްކުރާ މަންޒިލެކެވެ. އަދި އެތަނަކީ އިންޑިޔާއަށްދާ އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ އެއް މަންޒިލްވެސް މެއެވެ.