ޖަމާލުއްދީން ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތަޢުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތް ފެށި ސްކޫލު ކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތައުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލު ކަމަށެވެ.

އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވާ ނައިބް ވިދާޅުވީ ޚާއްސަގޮތެއްގައި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ހާސިލުކޮށްފައިވާކަމީ އެސްކޫލުގައި މީގެ 35 އަހަރުކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ.

މި ޖަލްސާގައި ނައިބް ވަނީ އެމަނިކުފާނުގެ ސްކޫލް ދައުރުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ކުދިކުދި ކަންކަންވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތް ކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިހްތިރާމު އަދާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އަދި ހަމަ އެހެންމެ ސްކޫލުގެ އަހަރީދުވަސްފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިޙްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ އިސް މަގާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވުމުގެ އިތުރަށް ނައިބް ރައީސް، އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.