ދިވެހިރާއްޖޭގައި ވިޔަފާރިތަުގެ މެދުގައި ވާދަވެރިކަން ނެތްކަމަށް ބުނެ، މަޖިލީހަށް ބިލެއް ހުށައެޅީ އިންޑިއާގެ މުވާސަލާތީ ހިދުމަތްދޭ ކުންފުންނެއް ރާއްޖެ ގެނައުމަށް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ރައްދުދީއެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެ އެއްކޮށް އިންޑިއާގެ ބާރުގެދަށަށް ދާން އުޅޭތަން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި މިއަދު ރާއްޖެ ދަތުރުފަށާފައި މިވަނީވެސް ވަރަށް އަނދިރި މިސްރާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި ބިލަށް ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވަނީ ރާއްޖޭގައި މިވަގުތު މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނިން ރައްޔިތުންނަށް ބޭނުންވާފަދަ ހިދުމަތެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

މުވާސަލާތީ ދާއިރާގެ އެހެން ކުންފުނިތައް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައިވާތީ ޝިޔާމް ވިދާޅުވީ، މިކަމަކީ ރާއްޖެއަށް އިންޑިއާގެ ކުންފުނިތައް ގެނައުމަށް ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމުގައެވެ.

އިންޑިއާގައި މިހާރުވެސް މުވާސަލާތީ ހިދުމަތް ދެމުންގެންދާ ކުންފުންޏެއް ކަމަށްވާ 'ރިލަޔަންސް ކޮމިއުނިކޭޝަން' ގެ ނަން ޝިޔާމް ވަނީ ވަކިން ފާހަގަ ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ އެކުންފުނި ގެނައުމުގެ ހުރިހާ މަސައްކަތެއް ވަރަށް ސިއްރުން މިހާރު ނިންމާފައިވާ ކަމަށެވެ.

މިގެއިތުރުން ރާއްޖޭގެ ހުރިހާ މައުލޫމާތެއް މިހާރު އިންޑިއާއަށް އެނގި، އިންޑިއާގެ ބާރުގެދަށަށް ރާއްޖެ މަޑުމަޑުންދާ މަންޒަރު ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖޭގެ މައްޗަށް ބާރުފޯރުުމުގެ ހުރިހާ ފުރުސަތެއް މިސަރުކާރުން ފަހި ކޮށްދީފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ. އަދި އިންޑިއާއާ ރާއްޖެއާ ގުޅިގެން ހިންގާ ގިނަ މަޝްރޫއުތަކަށްވެސް ޝިޔާމް ފާޑު ވިދާޅުވެފައިވެއެވެ.