ދިވެހި ސިނަމާއިން 80އިގެ އަހަރުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދި މަޝްހޫރު ބަތަލާ މަރިޔަމް ރަޝީދާ އަލުން ދިވެހި ސިނަމާ އަށް އަންނަން ނިންމައިފި އެވެ.

ފިލްމު "ޔޫސުފް އެންޑް ޒައިނަބް" އިން ދިވެހި ސިނަމާ އަށް ތަޢާރަފުވި މަރިޔަމް ރަޝީދާ ފިލްމަކުން ފެންނަން ނިންމާފައި މިވަނީ 30 އަހަރު ފިލްމަކުން ނުފެނި ހުރުމަށްފަހު އެވެ.

މިއަހަރު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވަމުންދާ ޕްރޮޑިއުސަރ އިލިޔާސް ވަހީދުގެ "ނީނާ" ގައި މުހިންމު ރޯލަކުން މަރިޔަމް ރަޝީދާ ފެންނާނެކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ފިލްމީ މަޢޫލޫމާތު ގެނެސްދޭ ޓީވީ ޝޯވް އަކަށް ދިން އިންޓަރވިއުއެއްގައި ފުރުސަތު ލިބިއްޖެނަމަ ފިލްމުގައި އެކްޓު ކުރާނެކަމަށް މަރިޔަމް ރަޝީދާ ވަނީ ބުނެފައެވެ. "ނީނާ" ޑައިރެކްޓަރ އިއްލި ބުނީ މިއިންޓަރވިއު ފެނިފައި މަރިޔަމް ރަޝީދާ ފިލްމުގައި ކާސްޓް ކުރަން ބޭނުންވީ އެވެ.

މަރިޔަމް ރަޝީދާ ފިލްމުގައި ފެނިގެންދާނީ ލީޑް ރޯލް ކުޅޭ ޝަރަފް އަބްދުﷲ ގެ މަންމަގެ ރޯލުން ނެވެ. މަރިޔަމް ރަޝީދާ ދިރިއުޅެނީ އައްޑޫގައި ނަމަވެސް ފިލްމުގެ ޝޫޓިންއަށް އޭނާ ވަނީ ލާމަށް ގޮސްފައެވެ. މިފިލްމުގެ ގިނަ މަންޒަރުތައް ނަގަނީ ލާމު ގައެވެ.

"އިތުބާރު"، "ލޭކަރުނަ" އަދި "ހާލި" ފަދަ ފިލްމުތަކުން ބަތަލާ ދަރާ ރަޝީދާ އެކު މަރިޔަމް ރަޝީދާ ފެނުނުއިރު މިޖޯޑަކީ ބެލުންތެރިންނަށް އޭރު އެންމެ ކަމުދާ ޖޯޑެވެ.

"ނީނާ" ގައި މަރިޔަމް ރަޝީދާ އަދާކުރާނީ "ލަތީފާ" ކިޔާ މީހެއްގެ ރޯލެވެ. "އޭ ބަލަ ލަތީފާ" ޑައިލޮގަކީ 90ގެ ދިވެހި ސިނަމާގައި އެންމެ މަޝްހޫރުވި އެއް ޑައިލޮގެވެ.

"ނީނާ" ގެ ލީޑް ރޯލުން ފެންނާނީ ބަތަލާ ނުޒުހަތު ޝުއައިބް އަދި އަލަށް ތަޢާރަފުވާ އެކްޓަރު ޝަރަފް އަބްދުﷲ އެވެ. އިތުރު ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީ އަދި މަރިޔަމް ޝަކީލާ އާދަމް ހިމެނޭ އެވެ.