ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގައި އޮތް އެސްޓީއޯގެ ހިއްސާ ދޫކޮށްލަން އެކުންްފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭއައި ގައި އޮތް އެ ކުންފުނީގެ އެންމެހާ ހިއްސާ ދިވެހި ސަރުކާރަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭއައިއޭ ގައި އެސްޓީއޯ އިން 10 އިންސައްތަ ހިއްސާ ކޮންޓްރޯލް ކުރާއިރު އޭގެތެރޭގައި ހިމެނެނީ މޫނުމަތީ އަގުގެ 1,000ރ. ގެ 40,000 އާންމު ހިއްސާ އެވެ.

އޭއައިއޭ ގައި ހިމެނޭ އެ ކުންފުނީގެ އެންމެހާ ހިއްސާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ، އެ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށް އެސްޓީއޯގެ އިއުލާނުގައިވެ އެވެ.

މި ބަދަލުގެ ކުރިން، އޭއައިއޭ އަކީ ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެ ކުންފުނީގައި ދެން އޮތީ، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިންސްގެ 30 އިންސައްތަ ހިއްސާ، އެސްޓީއޯގެ 10 އިންސައްތަ ހިއްސާ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 10 އިންސައްތަ ހިއްސާ އެވެ.

އެހެން ނަމަވެސް، އެސްޓީއޯގެ ހިއްސާ ދޫކޮށްލުމާ އެކު، އޭއައިއޭ ގައި އޮންނަ ސަރުކާރުގެ ހިއްސާ 60 އިންސައްތަ އަށް އިތުރުވާނެ އެވެ.

އޭއައިއޭ އަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ، ކާސާ ހޯލްޑިން ހިއްސާވެގެން އުފެއްދި ކުންފުންޏެ ކެވެ.