• ގާސިމް، މައުމޫން، އިމްރާނާއެކީ ސަރުކާރު ހިންގޭނެކަމަކަށް ނުފެނޭ: ހަލީމް

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު، މިހާރު މިއޮތް ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް، ކޯލިޝަންގެ މޫނު އަޅާނޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީއަށް ނިސްބަތްވާ އަހްމަދު ހަލީމް ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށާއި، ކާމިޔާބު ލިބުމާއެކު އިރާދަކުރެއްވިއްޔާ އެމްޑީޕީން އެދޭކަހަލަ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނެ ކަމަށެވެ.

ހަމަ އެއާއެކު، އުންމީދަކީ، އިންތިޚާބާއެކު، ކޯލިޝަން ސަރުކާރު ނިމުމަކަށް އައުން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކޯލިޝަން ސަރުކާރު ނިންމުމަށްޓަކައި މިކުރާ މަސައްކަތަކީ، މިފަހަރު އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލް އިންތިޚާބު ރަނގަޅަށް ލިބިއްޖެއްޔާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ގާސިމް އިބްރާހިމްއާ އެކީގައި، މައުމޫން އަބްދުލްގައްޔޫމާ އެކީގައި، އިމްރާން އަބްދުﷲ އާ އެކީގައި އަޅުގަނޑުމެން އުޅޭކަށް ނެތިން. އަޅުގަނޑުމެންނަށް އެމީހުންނާ އެކީގައި ސަރުކާރު ހިންގޭނެ ކަމަކަށް ނުފެނޭ. މިއަދުވެސް މިދަނީ، އެބޭފުޅުންގެ ވަޒީރުން ތިއްބެވި ތަންތަނުން ފުދޭވަރަކަށް މަސައްކަތް ނުކުރެވި"
އަހްމަދު ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމްގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ އެންމެ ކަންބޮޑުވުން މިވަގުތު ހުރީ މަސްވެރިންނާ ދޭތެރޭގައި ކަމަށް އެނގިވަޑައި ގަންނަވާ ކަމަށެވެ. ފިޝަރީޒް މިނިސްޓަރަށް މަސްވެރިންނާ ދޭތެރޭގައި ކުރެއްވުނު ކަމެއް ނެތް ކަމަށާއި، އެހެންކަމުން، ވަރަށް އަވަހަށް އެކަމަނާއާ ދޭތެރެގައިވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"ޚާއްސަކޮށް އޭޕްރީލް 4 ވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުން އުފާވެރި ދުވަހަކަށް ވާނެ. ކޯލިޝަންގެ މޫނު އަޅާނެކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މިފުރުސަތުގައި ދެން"
އަހްމަދު ހަލީމް

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަގާމުން ދުރުކުރަން އުޅޭކަމަށް އިޝާރާތް ކުރައްވައި، ބިލެތްދޫ ދާއިރާގެ މެމްބަރު ވާހަކަފުޅު ދެއްކެވިއިރު، ކުރިން ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް މަގާމުން ވަކިކުރަން ތާއީދުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމުމެއް ނިންމުމުން، އެކަމަނާވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ކެބިނެޓްގައި މިވަގުތު ތިއްބެވި، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައި ގަންނަވަނާ ވަޒީރުން މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާ ކަމުގެ ވާހަކަތައް ރަށުތެރޭގައި ދެކެވެމުންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.