ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ހޯމަދުވަހުގެ ރޭ ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ޕާޓީގެ މައި މަރުކަޒު މާފަންނު ކުނޫޒުގެ ރަސްމީ މާލަމުގައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ އިދާރީ މަސައްކަތްތަކާއި ސިޔާސީ ނިންމުންތަކާއި ގުޅިގެން ފުށުއެރުމެއް ނުހިނގާނެ ގޮތްގޮތަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ޕާރޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ޙިއްޞާ ކުރެވުނީ ޕާޓީން ބޭއްވި ފުރަތަމަ ޕްރައިމަރީގެ ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކޮށް ގެންދެވިފައިވާ ކަމުގެ މަޢުލޫމާތެވެ. އަދި އެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންނާއި ޕްރައިމަރީގައި ވޯޓުދެއްވި ބޭފުޅުންގެ މެދުގައި މައްސަލައެއްނެތި ގެންދެވުނު އޮމާން އިންތިޚާބުގެ މަޢުލޫމާތުވެސް ވަނީ ޙިއްޞާ ކޮށްފައެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ މަސައްކަތްތަކަކީ ރައްޔިތުންނަށް ދެފުށްފެންނަ ގޮތަށް ރައްޔިތުންނާއި އެކު ހިންގާ ކަންކަމަށްވާތީ ކައުންސިލްގައި އެފަދަ ވާހަކަތައް ޙިއްޞާ ކުރުމަކީ ބޭނުންތެރިކަމެކެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ ގުޅުންތައް ހަރުދަނާވެ ޕާޓީގެ ލީޑަރޝިޕާއި ރައްޔިތުންނާއި ދެމެދުގައި ގުޅުން އާލާވެ ބަދަހިވަމުން ދާކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމަކީ ޢާންމު ބައްދަލުވުންތަކުގެ ބޭރުން ބޭއްވި ކުއްލި ބައްދަލުވުމެކެވެ. މިއީ ޕާޓީގެ ކައުންސިލްގެ 140 ވަނަ ބައްދަލުވުމެވެ.