މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ އިވެންޓެއް އަންނަ މާޗްމަހުގެ 12-18 އަށް ރާއްޖޭގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް މަޑުޖައްސާލައިފިއެވެ.

މިކަން ހާމަކުރެއްވީ، ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ، އިވެންޓް ފަސްކުރެއްވީ ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށް ކަމަށެވެ.

"އުފައްދަމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާ ގުޅިގެން، ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޝައިޚް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސަލާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ހިސާކުރަން"
މަހްލޫފް

ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް ބޭއްވުމުގެ މަސައްކަތް މަޑު ޖައްސާލިކަން ޔޫތު މިނިސްޓަރ މަހްލޫފް މި ހާމަކުރެއްވީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޕްރޮމޯޓްކުރުމަށް ރާއްޖެ ވަޑައިގަތުމަށް ދެއްވި ދަޢުވަތު ޑރ. ބިލާލް ފިލިޕްސް ގަބޫލުކުރެއްވުމާ ގުޅިގެން އޭނާގެ ފޮޓޯއަކާއެކު އެކަމަށް ޝުކުރު އަދާކުރައްވައި މިއަދު ކުރެއްވި ޓްވީޓަކަށް ފަހުގައެވެ.

ޔޫތު މިނިސްޓަރުގެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ، ޑރ. ބިލާލް ފިލިޕިސް ރާއްޖެ ގެނައުމާ ދެކޮޅަށް ޝުއޫރު ފާޅުކުރައްވައި ޓްވީޓްތައް ކުރައްވާފައެވެ.

އަދި އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ޑރ. ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސްއަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންވެ، އެބޭފުޅާ ރާއްޖެ ގެންނަން ފެނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޕްރޮމޯޓްކުރަންޖެހޭ ކަމަށާއި، ނަމަވެސް ޑރ ބިލާލްއަކީ އެކަންކުރުމަށް އެކަށީގެންވާ މީހެއް ނޫން ކަމަށެވެ. ޑރ. ބިލާލް ފިލިޕސްއަކީ ހަރުކަށިފިކުރާއި، އަންހެނުންނާމެދު އަނިޔާވެރިވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް އީވާ ވިދާޅުވެފައި ވެއެވެ. އަދި ޑިމޮކްރަސީއާމެދު އޭނާ ގެންގުޅުއްވަނީ ފަނާކުރުވަނިވި ވިސްނުން ކަމަށްވެސް އީވާ ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދާއި، އީވާ، ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ޓްވީޓްތައް ކުރެވުމުން، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އެ ބޭފުޅުންނަށް ރައްދުދެއްވައި ޓްވީޓްތައް ކުރައްވާފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި އެތައް އާންމުންނެއް ރައީސް ނަޝީދާއި އީވާއަށް ނުރުހުން ފާޅުކުރަމުންވެސް އެބަ ގެންދެއެވެ.

އެހެން ނަމަވެސް، މިއާއެކު، ރައީސް ނަޝީދުގެ ވިސްނުންފުޅަށް ތާއީދުކޮށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ރައީސް ނަޝީދުވެސް އަދި އީވާވެސް އަދި އެބޭފުޅުންނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރައްވާ އެހެން ބޭފުޅުން އިޝާރާތް ކުރައްވަނީ ޑރ. ބިލާލް ބައެއް ގައުމުތަކަށް އެރުން މަނާކޮށްފައިވާ މައްސަލައަށެވެ. ނަމަވެސް ޑރ. ބިލާލް ފިލިޕްސް އެރުން މަނާކޮށްފައިވަނީ އިސްލާމީ ކިތައް ގައުމުތޯ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ.