• ދިމާވެފައި ވަނީ ކްލައިމެޓް އެމަޖެންސީއެއް: މެންބަރުން
  • ރާއްޖެ އަލުން ކާބަން ނިއުޓުރަލް ވުމަށް ވަނީ ގޮވާލާފައި
  • ތެޔޮ އަޅައިގެން ހިންގާ ޖަނަރޭޓަރުތައް ނިއްވާލާށޭ: ސަލީމް

ދިވެހި ރާއްޖެ އަލުން ކާބަން ނިއުޓުރަލް ވުމުގެ އަހަރު ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.

މެންބަރު އަހުމަދު ސަލީމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ސަލީމް ހުށަހެޅުއްވި "މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލް" އަށް ބަހުސް ކުރައްވަމުން ނެވެ.

މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު ސަލީމް ހުށަހެޅުއްވީ، ރާއްޖެ އަލުން ކާބަން ނިއުޓްރަލްވުމުގެ އަހަރު ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެތެރޭގައި ކަނޑައެޅުމަށް އަމާޒު ހިފާ އަހަރުގެ ގޮތުގައި ބިލްގައި ހިމެނުމަށެވެ.

މެންބަރު ސަލީމް ވިދާޅުވީ ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭހުގެ ގޮތުގައި ބޭރުކުރާ މިންވަރާއި ދާއިރާތައް އެނގެން އެބަހުރި ކަމަށެވެ. އޭގެތެރެއިން 67 އިންސައްތަ ހިއްސާކުރަނީ، ކަރަންޓް އުފެއްދުމަށް ކަމަށާއި، 47 އިންސައްތަ އަކީ ރިސޯޓް ދާއިރާއިން އުފައްދާ ކަރަންޓްގެ ސަބަބުން ބޭރުވާ ގޭސްކަން އެނގޭ ކަމަށެވެ.

އެެހެންކަމުން އިއާދަކުރަނިވި ހަކަތައަށް ވިސްނައިގެން ކާބަލް ނިއުޓްރަލް ވުމަށް ވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ދުވާލަކު 5 ގަޑިއިރު އިރުގެ އަލި ސާފުކޮށް ރާއްޖެއަށް ލިބެމުންދާއިރު އަވިން ހަކަތަ އުފެއްދޭނެ ޖަނަަރޭޓަރތައް ހިންގޭނެ ކަމަށެވެ. އަދި އެހެންވެއްޖެނަމަ ރާއްޖެއަށް މާ ފުރިހަމަ މިނިވަންކަން ލިބިގެންދާނެ ކަމަށް ވެސް މެންބަރު ސަލީމް ވިދާޅުވި އެވެ.

މެންބަރު ސަލީމް އިތުރަށް ވިދާޅުވީ މި އަހަރަކީ، އިނގެރޭސިވިލާތުގައި ބާއްވާ ކޮންފަރެންސަށް ހުރިހާ ގައުމުތަކުގެ ވެރިން ވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް އެތަނަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވަޑައިގެން ދިވެހިންނަށް މޫސުމީ ނުރައްކަލާ ކުރިމަތިލާން ޖެހެނީ، ދިވެހިން ކުރި ކުށަކުން، ދިވެހިންގެ އިހުމާލަކުން ވެއްޓުނު ހާލަތެއް ނޫންކަން މިހާރަށްވުރެވެސް ބޮޑަށް ބަޔާންކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރަށެއްގެ އާނުގަނޑާއި އެއްކޮށް ގިރާލާފައި

މީގެ އިތުރަށް މެންބަރު ސަލީމް ވިދާޅުވީ ދިވެހިން ގެނދަބުޅިން ކޮށި އަރަމުންދާއިރު، ރާއްޖެއިން ގެނދަބުޅި ފިލުވާނެ ގޮތް ދުނިޔެއަށް ދައްކަން އެބަޖެހޭ ކަމަށެވެ. ވަރަށް ހިތްވަރުކޮށްފިނަމަ 5 އަހަރުގެ ތެރޭގައި، ކާމިޔާބުވެސް ހޯދޭނެ އަދި އަލުން އަނބުރާ ދުނިޔޭގެ ޗެންޕިއަންކަމުގެ މަޤާމުގެވެސް ރާއްޖެއަށް ހޯދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ދުނިޔޭގެ ޗާޓަށް ބަލާލުމުން ވެސް ރާއްޖެ ކުޑަ މިންވަރު ފެންނަ ކަމަށެވެ.

ނަމަވެސް ދިވެހިން ދެމިތިބުމާއި ނުތިބުން، ނުވަތަ އެކީއެކައްޗަކަށް ދުނިޔޭގެ ޗާޓުން ފޮހެލުމުގެ ބާރު އެހެންބައެއްގެ އަތްމަތީގައި އޮތުމަކީ ދެރަކަމެއްް ކަމަށެވެ.

މެންބަރު ސަލީމްގެ ހުށަހެޅުއްވުންތަކަށް ތާއީދުކުރައްވައި އަލީ ނިޔާޒު ވިދާޅުވީ، އެހެންކަމުން އެކަން އެގޮތަށްވިއަ ނުދިއުމަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރުވެސް ވިސްނަވަންޖެހޭ ކަމަށެވެ. އަދި މަޝްރޫއުތައް ކުރިއަށްގެންދާއިރު ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކަން ވެސް އިތުރުކުރުވަންޖެހޭ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލް" ގިނަ މެންބަރުންގެ ހިޔާލާއި އެކު "ކްލައިމެޓް އިމަޖެންސީގެ ބިލް" ގެ ނަމަށް ބަދަލުކުރަން ފެންނަ ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ. މީގެ އިތުރަށް ބައެއް އިސްލާހުތައް މެންބަރު އަލީ ނިޔާޒުވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރާއްޖޭގެ ރަށެއްގެ ހާލަތު

މީގެ އިތުރަށް މަޖިލީހުގެ އެހެނިހެން ގިނަ މެންބަރުންވެސް ވަނީ، މި މައްސަލަ އަކި ކްލައިމެޓް އިމަޖެންސީއެއް ކަމަށް ބަލައި، އަދި އިންސާނީ ހައްގަށް ކުރާނެ އަސަރެއްކަމަށް ބަލައި، އެދާއިރާއިންވެސް ބިލް ބައްޓަންކުރަންޖެހޭ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ކަމަށް ސައިންސްވެރިން ލަފާކުރަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށެވެ. އެކަމުގެ ހެކިތައް ރާއްޖެއިން ފެންނަމުންދާއިރު، ރަށްގިރުމުގެ މައްސަލަތައް ރާއްޖެއަށް އިންތިހާއަށް ވަނީ ފޯރާފައެވެ.