ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރިއަތްތަކުގެ އޯޑިއޯ ރިކޯޑިންގ އާންމުކުރަން ފަށައިފިއެވެ.

ޖުޑީޝަލް އަހަރު ފެށުމުގެގޮތުން ދަރުބާރުގޭގައި ބެއްވި ހާއްސަ ރަސްމިއްޔާތުގައި މިކަން އިއުލާނުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ ޝަރީއަތްތައް ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންގޮސް ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ނިންމާފައިވާ ވަރަށްގިނަ ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާންމު ކުރަންފެށީ ކަމަށާއި މިހާރު އެކޯޓުގެ ވެބްސައިޓުން ޝަރިއަތްތައް އަޑުއެހެން ހުންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެއެވެ. މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކުގެ ރެކޯޑިން މިހާރުވެސް އަޑުއެހޭނެއެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

މީގެއިތުރަށް ބަޖެޓު ހަމަޖެހުނު އެންމެ އަވަހަކަށް ޝަރީއަތްތަކުގެ ވީޑިއޯ ރިކޯޑިންތައްވެސް ލައިވްކޮށް ފެންނަން ހުންނާނެހެން އިންތިޒާމުތައް ހަމަޖައްސާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ޝަރިއަތްތަކަށް ކޯޓަށް ވަދެނިކުތުމުގެ އިންތިޒާމުތައްވެސް ފަސޭހަވާނެ ގޮތަކަށް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަންވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުން މިހާރުވެސް ވަނީ ކޮންމެ މަހަކު އެއްދުވަސް އާންމުންނަށް ކޯޓު ދައްކާލުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައެވެ.

އެގޮތުން ކޮންމެ މަހެއްގެވެސް އެންމެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އާންމުންނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭނެ ދުވަހެއް ކަމަށް އެކޯޓުން ބުނެފައިވެއެވެ. މި ޓުއާތައް ހިނގާގަޑީގައި ޝަރިއަތެއް ކުރިއަށްދާނަމަ އެއަށްވަދެ އަޑުއެހުމުގެ ފުރުސަތުވެސް އެކޯޓުން މިހާރުވަނީ އާންމުންނަށް ހުޅުވާލާފައެވެ.