ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިރޭ މެންދަމު 12:00 އިން ފެށިގެން އަމަލުކުރަން ފެށޭނެއެވެ.

ގާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ 20 ނޮވެމްބަރު 2019 ގައެވެ.

އެ ގާނޫނުގައި ބަޔާންކުރަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާނީ، އެ ގާނޫނު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށެވެ. އެހެންކަމުން، ތިންމަސް ދުވަހުގެ މުއްދަތު މިއަދު ހަމަވެ، މިރޭ މެންދަމުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.

މި ގާނޫނުން، ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަގުފަހިކޮށްދެއެވެ. އަދި އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށާއި، ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އަދި ކުޑަކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާތަކަކީ ކޮބައިކަން ކަނޑައަޅައި، އެ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން އެކުދިންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ޒިންމާތަކާ ޚިލާފްވާ މައިންބަފައިންނާއި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރެއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާވެސް މި ގާނޫނުގައި ބަޔާންކުރެއެވެ.

އޭގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެގޮތުން ދައުލަތުން ގާއިމްކުރަންޖެހޭ މަރުކަޒުތަކާއި، ކައުންސިލާއި، ލާމަރުކަޒުކުރެވޭ ޚިދުމަތްތައް ހިނގާނެގޮތުގެ އުސޫލުތަކާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރަންޖެހޭ ގައުމީ ނިޒާމާއި، އަދި އެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން މި ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓަރ ކުރުމަށްޓަކައި އުފައްދަންޖެހޭ މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެނެވޭނެ އުސޫލުތަކާއި އެކުދިންނާމެދު އަމަލުކުރަންޖެހޭ ގޮތާއި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް އާއިލާގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، އެކުދިން ފޮސްޓަރކުރެވޭނެ އުސޫލުތައްވެސް މި ގާނޫނުން އެކަށައަޅައެވެ. އަދި ދައުލަތުގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއްވެސް މި ގާނޫނުން ތައާރަފް ކުރެއެވެ.

މީގެއިތުރުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތަކަކީ ކޮބައިކަމާއި، އެ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައްވެސް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ހެދި، އެ ގާނޫނަށް އަމަލުކުރަން މިފަށަނީ، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، އަނިޔާގެ މައްސަލަތައް އިތުރުވެގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އެފަދަ މައްސަލަތައް އިތުރުވެންދިޔައީ ޒަމާނުއްސުރެ އެ ކަމުގައި އިހުމާލުވެފައިވާތީ ކަމަށް، މިއަހަރުގެ ޖެނުއަރީމަހު ރައިސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައި ވެއެވެ. ރައީސް ވިދާޅުވީ، މިފަދަ މައްސަލަތަކަށް ހައްލުގެނެވޭނީ ޒިންމާދާރުކަމާއެކީގައި މަސައްކަތް ކުރެވޭނެ ބަޔަކު ލިބިގެން ކަމަށެވެ.

ހަމަ އެއާއެކު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިބޭ މުވައްޒަފުން އިހުމާލުވެއްޖެނަމަ އެކަމާދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭގައި އަޅުއްވާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވެފައި ވެއެވެ.