މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްސީ) އިން ތަރައްގީ ކުރަމުންދާ ސީޕްލޭން ޓާމިނަލަކީ ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭ ޓާމިނަލްގެ ޕްލޭންގެ ކަންތައްތައް ކޮށް ނިންމާފައިވަނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންގެ މެދުގައި އިތުބާރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކާއި އެތަން އޮޕަރޭޓް ކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި އަދި މަންފާވާނެ ގޮތްތަކަށްވެސް ވާނީ ރިއާޔަތްކޮށްފައި ކަމަށް ފިނޭސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްފާވައިވާ އޮޑިޓް ރިޕޯޓުގައި ދެއްވާފައިވާ ލަފައަށް ވާނީ ރިއާޔަތްކޮށްފައި ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ސީޕްލޭން މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ 2017 ވަނަ އަހަރު ތަރައްގީކުރި އައު ރަންވޭގެ މަސައްކަތް ކުރިއަށްދިޔައިރު ފެށުނު މަސައްކަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސީޕްލޭން ޓާމިނަލަށް ބޭނުންވާ ގެރެންޓީދީ އަދި ފައިނޭންސް ހަމަޖެހުނީ ޕްރޮޖެކްޓްގެ މަސައްކަތް ފެށުނު ފަހުން 2018 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ އެއަށް ބޭނުންވާ ފައިސާގެ 85 އިންސައްތައިގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެކްޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުޅި ޕްރޮޖެކްޓް ހިނގުމަށް ލޯނުގެ ގޮތުގައި ސަރުކާރުން ގެރެންޓީދީގެން ނަގާފައިވަނީ 47 މިލިއަން ޑޮލަރު. މި ލޯނު ނަގާފައިވަނީ 11 އަހަރުގެ ތެރޭގައި އަލުން ލޯނު އަނބުރާ ދައްކާގޮތަށް. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަކީ އެއާޕޯޓް އެކްސްޕެންޝަން ޕްލޭން ފުރިހަމަ ކުރުމަށާއި އަދި ފަސެންޖާ ޓްރެފިކް ކްލިޔާ ކުރުމަށް ކޮންމެހެން މުހިންމު ކަމެއް."
މިނިސްޓަރު އަމީރު

ސީޕްލޭން އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ތަރައްގީކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސީޕްލޭން އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެއާޕޯޓް އެކްސްޕެންޝަން ޕްލޭންގެ ތެރެއިން ސަރުކާރުން ތަރައްގީކޮށް، ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންވާ ގޮތަށް އޮތުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި އަދި އިންވެސްޓަރުންގެ މެދުގައި އިތުބާރު ހޯދުމަށް މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލުން ޓީއެމްއޭ އާއި އެކު ވާހަކަ ދައްކަމުންގޮސްފައިވަނީ ސީޕްލޭން ޓާމިނަލް އޭރު އެމްއޭސީއެލްއަށް ދައްކަމުންދިޔަ ކުލީގައި އެފަރާތަށް ކުއްޔަށް ދިނުމަށް. މިގޮތުން ޑްރާފްޓް އެގްރިމެންޓެއް ތައްޔާރު ކޮށްފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފަ. މި ސަރުކާރުން ހަވާލުވުމަށްފަހު އެމްއޭސީއެލްގެ ވިޔަފާރި ކުރިއެރުވުމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ހަމަޖެއްސުމާއެކު ސީޕްލޭން ޓާމިނަލް ކުރިން ޓީއެމްއޭއަށް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތަށް ކުއްޔަށް ނުދިނުމަށް ވާނީ އަންގާފަ.އެއީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ."
މިނިސްޓަރު އަމީރު

މި ސަރުކާރު އައުމަށްފަހު އެމްއޭސީއެލުން ކުރިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭން ޓާމިނަލް ހިންގަންވާނެ ގޮތެއް ކަނޑައަޅަން ވާނީ ފިނޭންސް މިނިސްޓްރީގައި ލިޔެ ވަކި ހުއްދައެއް ހޯދައިގެން ކަމަށް އެމްއޭސީއެލްއަށް ވާނީ އަންގާފައި ކަމަށެވެ. އަދި އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުކަންވެސްް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް އެންގީ ސީޕްލޭން ޓާމިނަލަކީ ސަރުކާރުން ސޮވްރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓަކަށްވާތީ އެ ޕްރޮޖެކްޓުން ސަރުކާރަށް ކުރިމަތިވެދާނެ ގެއްލުން ކުޑަކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކަށް ނުހައްގުން ފައިދާއެއް ވިޔަނުދިނުމުގެ މަގްސަދުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ ރަގަޅުގޮތަކީ ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން އޮޕަރޭޓް ކުރާ ގޮތަށް ކުރިއަށް ގެންދިޔުން ކަމަށެވެ. ސީޕްލޭން ޓާމިނަލް ހިނގުމަށް ގިނަ ފަރާތްތަކަށް ވާދަވެރި ގޮތެއްގައި ދޫކުރުމުން އެމްއޭސީއެލްއަށް ބޮޑުތަނުން ފައިދާވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތައް ގިނަ ބަޔަކަށް ވާދަވެރި ގޮތަކަށް ދީގެން އެމްއޭސިއެލްއަށް އަހަރަކު 33.7 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އޯޑިޓާ ޖެނެރަލް ތައްޔާރު ކޮށްފައިވާ ރިޕޯޓުންވެސް ހާމަވާން އެބައޮތް. އަދި ދެ އަހަރު ފަހުން 40.3 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި އެމްއޭސީއެލްއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވޭ.
މިނިސްޓަރު އަމީރު

މިއީ ކުރީ ސަރުކާރުން ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުން ވަކި އޮޕަރޭޓަރަކާ ހަވާލުކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވައި ސަރުކާރުގެ މި ނިންމުމަށް ކުންފުންޏަށް އަހަރަކު 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް ސީޕްލޭން ޓާމިނަލް ދީގެން އެމްއޭސީއެލްއަށް ލިބޭނެ ކަމަށް އޮޑިޓާ ޖެނެރަލް ލަފާކޮށްފައިވަނީ 5.7 މިލިއަން ޑޮލަރު ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ސަރުކާރުން ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރުގެ އިތުރަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވަނީ ބައިވެރިވެވަޑައިގެންފައެވެ. ދެބޭފުޅުން ވެސް ވިދާޅުވީ ސަރުކާރުގެ މިހާރުގެ ނިންމުމަކީ އެމްއޭސީއެލްއާއި ޓީއެމްއާއި އަދި އެހެން އޮޕަރޭޓަރުންނަށް ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވަކި އޮޕަރޭޓަރަކަށް ޓާމިނަލުގެ ކޮންޓްރޯލް ދޫކޮށްނުލައި ކުރިއަށް އޮތް ދެއަހަރު އެމްއޭސީއެލް އިން ހިންގާނެކަމުގެ ޔަގީންކަން ދެވަޒީރުން ވެސް ދެއްވިއެވެ.