ރާއްޖޭގެ ރަށްތަކަށް މި ދުވަސްވަރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުދައިގެ އަސަރުކުރުމާއި ރަށްގިރުމެވެ. ރަށްގިރުމާއި އުދައެރުން ފާހަގަވެފައިވަނީ މޫސުމީ ކަމެއްގެ ގޮތުގައެވެ. އުދަ ނުވަތަ ބޮޑުރާޅު އާންމު ގޮތެއްގައި އަރަނީ އިރުވައި މޫސުމުގައި ކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ބޮޑުރާޅު ނުވަތަ އުދައަރަނީ ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލަކާ ގުޅިގެންނެވެ.

މާސްޓާރ މެރިނަރ، ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވީ ކަނޑުގެ ދިޔަވަރާ ސީދާ ގުޅިފައިވަނީ، އިރާއި ހަނދު ކަމަށެވެ. މިގޮތުން ދިޔަވަރަށް ބަދަލު އަންނަނީ ހަނދާއި އިރު އެކި ބުރުޖުތަަކަށް ބަދަލުވާ ވަގުތު ދުނިޔެއާއި ހަނދާއި އިރާއި ދިމާވާ ގޮތަކުން ކަމަށް ކެޕްޓަން ޝަރީފް ވިދާޅުވިއެވެ.

ހަނދުގައި ހުންނަ ގްރެވިޓީ ނުވަތަ ދަމާބާރުން ދުނިޔެ ދަމާއިރު، ދުނިޔެއިން އެއްވެސް ތަނެއްގައި ނުހިފެހެއްޓި ހުރީ ހަމައެކަނި ފެންކަމަށްވާތީ ހަނދުގެ ދަމާބާރުން ފެންގަނޑު ދަމައިގަތުމުން ދިޔަވަރަށް ބަދަލު އަންނަކަން ކެޕްޓަން ޝަރީފް ފާހަގަކުރެއްވިއެވެ.

ކެޕްޓަން ޝަރީފް ވިދާޅުވީ ހަނދުބޮޑުވާ މޫސުމުގައި ނުވަތަ 14 ވިލޭރޭ، ހަނދު ހުންނާނީ އިރާއި ދިމާ އިދިކޮޅުގައި ކަމަށެވެ. އިރަށާއި ހަނދަށް ދަމައިގަންނަ ވަގުތު ދުނިޔޭގެ ފެންގަނޑު ދެފަރާތަށް ވަރަށް ބޮޑަށް ދެމިގެންދާނެ ކަމަށާއި އެންމެ ދިޔަ ބޮޑުވާ ދުވަސްވަރަކީ އެއީ ކަމަށްވެސް ކެޕްޓަން ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ރަށްތައް ގިރުމާއި ނުގިރުން ބިނާވެގެންވަނީ ކަނޑުގައި ދެމޭ އޮއިވަރުން ކަމަށާއި ކަނޑު އަޑީގައި ދެމޭ އޮއިވަރަކީ ކަނޑުގެ އަޑިއަށް ދާވަރަކަށް ބަދަލުވަމުންދާ އެއްޗެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާގެ މީޓިއޮރޮލޮޖިސްޓް ނަސޫހު އިސްމާއީލް ވިދާޅުވީ ރާއްޖޭގެ ނަކަތަށް ބަލާއިރު ވައިގަދަ ދުވަސްވަރެއް އަންނަ ކަމަށާއި އެ ދުވަސްތަކުގައި ރާޅުތައް އުސްވެ އުދައިގެ އަސަރުކުރާ ކަމަށެވެ. އަދި ހަނދުމަހުގެ މެދު ތެރޭ ނުވަތަ ހަނދުމަހުގެ ނިމޭ ހިސާބުގައި ދިޔަވަރަށް ބަދަލުއަންނައިރު އުދައިގެ އަސަރު ކުރަނީ ވައިގަދަވުމުގެ ސަބަބުން ނުވަަތަ ރާއްޖެއާއި ދުރުގައި އޮންނަ ތޫފާނެއްގެ ސަބަބުން ކަމަށްވެސް މީޓިއޮރޮލޮޖިސްޓް ނަސޫހު ވިދާޅުވިއެވެ.

ނަސޫހު އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް އުދައިގެ އަސަރު ކޮށްފައިވާއިރު އެއީ ވަޔާ ގުޅިގެން ވާކަމެއް ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތައް އުފެދިފައިވާގޮތުން ފެންގަނޑު ރަށުން ބޭރަށް ނުދާގޮތަށް އުފެދިފައިވާ ރަށްތައް ހުންނަ ކަމަށެވެ.

ތިމާވެށީގެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރައްވާ އަދި ތިމާވެއްޓާބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު (މީމު ޒަވިޔަނި) ވަނީ ރަށްގިރުމާއި އުދައެރުމުގައި، މިފަހަކަށް އައިސް މޫސުމަށް އައިސްފައިވާ ބަދަލުތައް ހިއްސާކުރާކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި މިފަހަކަށް އައިސް ތޫފާންތައް އުފެދޭ ބޭ އޮފް ބެންގޯލްގެ ތޫފާންތައް މަދުވެ، ރެޑްސީގައި އުފެދޭ ތޫފާންތައް ގިނަވެފައިވުމާއި، މިކަމުގެ ސަބަބުން ވައިގެ މިސްރާބު ބަދަލުވުން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. މިއާއިއެކު ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން ކުރިމަތިވިއިރު ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރުން މިއީވެސް ރަށްގިރުމަށް މަގުފަހިވެދާނެ ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިހުރިހާ ކަމެއް ދިމާވީ ރާއްޖެއަށް އިރުވައި މޫސުމުގެ ހަޅައިގެ ދުވަސްވަރަށްވުމަކީ ހަޅަ ދިގުލައިގެން ދިއުމުގެ ސަބަބަކަށްވުން އެކަށީގެންވާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. އެހެންކަމުން އުދައެރުމާއި ރަށްގިރުން މިދުވަސްވަރު އިތުރުވެގެން ދިޔައީ އެކަމުގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މުހައްމަދު ޒާހިރު ވިދާޅުވިއެވެ. އެހެންނަމަވެސް ރަށްގިރުމާއި އުދައިގެ އަސަރުކުރުމުގައި މިއީ ހަމައެކަނި މޫސުމީ ކަމެއްގެ ގޮތުގައި ބެލެވެން ނެތްކަން ޒާހިރު ވަނީ ފާހަގަކުރައްވާފައެވެ.

ކެޕްޓަން ޝަރީފްވެސް ވަނީ މިކަމަށް ބާރުލިބޭ ފަދައިން ވާހަކަ ދައްކަވާފައެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް ވަށައިގެން އެނބުރޭ އޮއިވަރެއް އޮންނާނެ ކަމަށާއި ވެލިގަނޑު ނުހިފެހެއްޓެނީ އެނގުމާއި ނޭނގުމުގެ ތެރެއިން ރައްޔިތުންނަށް ކުރެވޭ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ ރަށްރަށުގެ ވަށައިގެން އޮންނަ ގޮނޑުދޮށުން ވެލި ދައުުރު ކުރުމަށް ހުރަސްއަޅާ ކަންކަން ކޮށްގެންނުވާނެ ކަމަށެވެ. ހަމަ މިގޮތަށް ރަށްތައް ގިރާތީ، ބޮޑުހިލަ ޖެހުމަކީވެސް ހައްލެއް ނޫން ކަމަށާއި މިވަގުތު އިތުރު ފިޔަވަޅެއް ނާޅާ ނަތީޖާ ބެލުމަށް، ދުވަސްކޮޅަކަށް މަޑުކޮށްލުން މުހިންމު ކަމަށް ޒާހިރު ވިދާޅުވިއެވެ. ސަބބަަކީ ތުނޑި ގިރާއިރު ރަށުގެ އަނެއްކޮޅުން ވޮޑޭތީއެވެ.

ރަށްތަކުގައި މީހުން އާބާދުކުރުމަށްޓަކައި ރަށްތައް ހިއްކުމާއި، ފަޅުތައް ކޮނުމާއިމެދު ޒާހިރު ވިދާޅުވީ އެއީ ކުރަން އެންމެ ރަގަޅު ކަންކަން ނޫން ކަމަށާއި ރަށްތައް ހިއްކުމުގެ ބަދަލުގައި ރަށު ތެރޭގައި ފަޅަށް ހުންނަ ގޯތިތައް ބޭނުން ކުރެވޭނެ ގޮތްހަދައި މޫދާއި ކައިރީ ގެތައް އިމާރާތްކޮށް ނުހެދުން އެއީ މިވަގުތަށް ނެރެވިދާނެ ހައްލެއް ކަމަށެވެ.

ޒާހިރު ވަނީ ބަނދަރުފަދަ ތަންތަން ހަދާއިރު ރަށުގެ ނުފޫޒު އޮންނަ ފަރާތްތަކުގެ ސަބަބުންނާއި ރަށު ރައްޔިތުންގެ ނުފޫޒުން، ދިރާސާ ކޮށްފައިވާ ގޮތަށް އެކަންކަން ކުރިއަށް ނުދާކަން ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުންވެސް ރަށްގިރުމަށް ދިމާވާ ކަމަށާއި އެހެންކަމުން ފަރުދީ ޒިންމާވެސް އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ގޮނޑުދޮށުން ވެލިނުނެގުމާއި ރަށުގެ ހޭޅިފަށް ރައްކާތެރިކަމާއި އެކު ބޭއްވޭތޯ ބަލަން ޖެހޭ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރައްތަކެއް އާދަޔާ ހިލާފަށް ގިރަމުންދާ މައްސަލައިގައި، އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާާއްވާފައެވެ. ރާއްޖޭގެ ގިނަ ރަށްތަކުން ރަށްގިރުމާއި އުދައިގެ އަސަރު ކޮށްގެން އެކަން ވަނީ ރިޕޯޓްކޮށްފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ކަމަށް ސައިންސްވެރިން ލަފާކުރަނީ ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތަކަށެވެ.