ޑރ އަބޫ އަމީނާ ބިލާލް ފިލިޕްސްގެ ވާހަކަ ފެންމަތިވެގެންއައީ، ސުލްހަ މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން އޭނަ ރާއްޖެ ގެންނަން ނިންމައި ޔޫތު މިނިސްޓްރީން ދިން ދައުވަތު ގަބޫލުކުރެއްވީތީ، މިނިސްޓަރ މަހުލޫފު ކުރެއްވި ޝުކުރުގެ ޓުވީޓާ ހަމައިންނެވެ. ޑރ ބިލާލްގެ ފޮޓޯއަކާއި އެކު މިނިސްޓަރ މަހްލޫފު ކުރެއްވި ޓުވީޓުން ފެނިގެންދަނީ އެ ދައުވަތު ގަބޫލު ކުރެއްވީތީ އޮތް ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

އެހެންނަމަވެސް މި ޚަބަރާއި އެކު ބައެއް މީހުންގެ ހިތުގައި ވަނީ ނުތަނަވަސްކަން ވެސް އުފެދިގެންގޮސްފައެވެ. އެމަންޒަރު އެންމެ ފުރަތަމަ ފެނުނީ ސައްތައިން ސައްތަ މުސްލިމް ގައުމެެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދުގެ ވާހަކަފުޅުންނެވެ. އެމަނިކުފާނުގެ ޓުވީޓުން އެމަނިކުފާނުގެ ވިސްނުންފުޅު ވަރަށްވެސް ސާފެވެ. ރައީސް ނަޝީދު ވިދާޅުވީ ޑރ ބިލާލް ފިލިޕް ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބައެއްގެ ގޮތުގައި ވިދާޅުވީ އެ ބޭފުޅާއަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި އިސްލާމީ ގިނަ ގައުމުތަކުން ބަލައިނުގަންނަ ބޭފުޅަކަށް ވުމެވެ.

މައްސަލަ އޮތީ ރައީސް ނަޝީދުގެ އެކަންޏެއް ނޫނެވެ. ގާނޫނު ހަދާ މަޖިލިހުގެ ނާއިބުރައީސާ އީވާ އަބްދުﷲ ވެސް ޑރ ބިލާލް ފިލިޕްއާ ދެކޮޅުވީއެވެ. އެ ބޭފުޅާއަކީ ދީނީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށާއި އެންމެ "ގޫގަލް ސާޗް" އަކުންވެސް އެކަން ވަރަށް ސާފު ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕީން އެޕާޓީގެ އެއްޗެއް ކަމަށް ބުނާ "ޑިމޮކްރަސީ" އާ މެދު ޑރ، ބިލާލް ފިލިޕްގެ ވިސްނުންފުޅު ހުންނަ ގޮތުގެ ވާހަކަ ދައްކަވަންވެސް އީވާ ބޭނުންފުޅެއް ނުވިއެވެ. މިއާ ވިދިގެން ފެނިގެންދިޔައީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް ބޭފުޅުންގެވެސް ކަންބޮޑުވުންތަކެވެ. ބިލާލް އަކީ އެއްވެސް ހާލެއްގައި ދަރުސެއް ދޭން ރަނގަޅު ފެންވަރެއްގެ ބޭފުޅެއް ކަމަކަށް އެބޭފުޅުން ގަބޫލުފުޅެއް ނުކުރައްވައެވެ.

މި ހުރިހާ ވާހަކަތަކާއި އެކު ސޯޝަލް މީޑިއާގައި ޑރ ބިލާލް ފިލިޕްސް ގެންނާނީތޯ ނުގެންނާނީތޯ ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. އެންމެ ފަހުން ޔޫތު މިނިސްޓްރީން މިހާރު ވަނީ ބިލާލް ޕިލިޕް ގެނައުން މަޑުޖައްސާލާފައެވެ. އެކަން ހާމަކުރައްވައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިވެންޓް ފަސްކުރެއްވީ ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށް ކަމަށެވެ.

ޑރ ބިލާލް ފިލިޕްސްއާ ދެކޮޅަށް ދައްކަމުންގެންދާ ވާހަކަތަކާ ރާއްޖޭގެ ދީނީ އިލްމުވެރިން ވަރަށްވެސް ޚިޔާލުތަފާތެވެ. ޑރ ބިލާލް ފިލިޕްސްއާ ދެކޮޅުވަނީ ދީނާއި ދުރު މީހުން ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން މި މައްސަލާގައި ވަކިން ހާއްސަކޮށް ރައީސް ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ރާއްޖޭގައި ޓެރަރިޒަމަށް މަގުފަހިވާގޮތަށް ކޮށްފައިވާ އަމަލުތަކުގެ ފަހަތުގައި ރައީސް ނަޝީދުގެ އަތެއްވާ ކަމުގެ ތުހުމަތުތަކެއް ވެސް ކުރެއެވެ. އަދި ދީނީ ކަންކަން ވަކިކުރަން އެނގިވަޑައިގަންނަވާ ވަރަށްވުރެ އެމަނިކުފާނުގެ ލާދީނިއްޔަތުކަން ބޮޑު ކަމަށްވެސް ބައެއް އިލްމުވެރިން ވިދާޅުވާ ހިސާބަށްވެސް ދެބަސްވުން ވަނީ ބޮޑުވެފައެވެ.

ބިލާލް ފުރަތަމަ ރާއްޖެ ގެނައީވެސް ރައީސް ނަޝީދުގެ ސަރުކާރުގައި!

ޑރ ބިލާލް ފިލިޕްސްގެ މައްސަލައެއް ހުރި ކަމަށް ވަކި ބަޔަކަށް މިއަދު ފެނި، އެވާހަކަ ދައްކައި މިއީ ބޮޑު ކޯޅުންގަނޑަކަށްވެފައި ވީ ނަމަވެސް ޑރ. ބިލާލް ފިލިޕސް އަކީ ރާއްޖެއަށް އާ ބޭފުޅެއް ނޫނެވެ. ޑރ ބިލާލް ފިލިޕްސް އެންމެ ފުރަތަމަވެސް ރާއްޖެ ގެނެސްފައިވަނީވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ހުއްދައާ އެކުގައެވެ.

ބިލާލް ފުރަތަމަ ރާއްޖެ ގެނެސްފައިވަނީ ޖަމްއިއްޔަތުއްސަލަފުގެ ފަރާތުން 2009 ވަަނަ އަހަރުއެވެ. އެ ޖަމްއިއްޔާއިން ވަނީ ދީނީ ދަރުސްތަކެއް ދިނުމަށް ބިލާލް ރާއްޖެ ގެނައުމުގެ ހުއްދައަށް އެދި އޭރު އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައެވެ.

ޖުލައި 14، 2009 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ބިލާލް ރާއްޖެ ގެނައުމުގެ ހުއްދަދީ، ދީނީގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަލަފުން ކުރާ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ. އެ ސިޓީގައި އިސްލާމިިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އޭރުގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެނގިފައިވާ ގޮތުގައި ސަލަފުން ބިލާލް ފިލިޕްސް ރާއްޖެ ގެނައުމުގެ ހުއްދައަށް އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފަޔަކަށް އެދިފައެވެ. އިސްލާމިކް މިނިސްޓްރީން އެ ހުއްދަ ސަލަފަށް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމުގައި އިއުތިރާޒެއް ނެތް ކަމަށް އެންގުމުންނެވެ.

ބިލާލް ފިލިޕްސްގެ ވާހަކަ ސޯޝަލް މީޑިއާގައި ފެންމަތިވެ ވަކި އުމުރެއް ނެތި އެތައް ބަޔަކު އަޑުހަރުކޮށް އެވާހަކަ ދައްކަމުންދާއިރު މިފަދަ މައްސަލަތަކަކީ ސޯޝަލް މީޑިއާއަކުން ނިމޭނެ ކަންކަމެއް ނޫނެވެ. މިއިން ކޮންމެ ކަމަކީވެސް ކަމާ ބެހޭ ވަކި އިދާރާއަކުން ބަލަހައްޓަން ޖެހޭ ކަންކަމެވެ. ރާއްޖެއަށް ދީނީ އިލްމުވެރިން ގެންނަނަމަ އެކަމަށް ވަކި ޚާއްސަ ހުއްދައެއް ދޭންޖެހެއެވެ. އެ ހުއްދަ ދޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީއަށް ވާއިރު، އިސްލާމިކް މިނިސްޓްރީގެ އެއްވެސް އިއުތިރާޒެއް މިކަމަށް ނެތެވެ.

އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް، ޑރ ބިލާލް ފިލިޕްސް އަކީ ހުއްދަ ދީގެން މީގެ ކުރިންވެސް އައިސް ރާއްޖޭގައި ދަރުސް ދީފައިވާ ބޭފުޅެއް، އޭގެ ފަހުން އަދި އަޅުގަނޑުމެންނަކަށް އެބޭފުޅާގެ އެއްވެސް މައްސަލައެއް ފާހަގަ ވެފައެއް ނެތް، ދީނީ އިލްމުވެރިން ރާއްޖެ ގެނައުމަށް އޮންނަ އުސޫލުގެ ދަށުން ޑރ. ބިލާލް ފިލިޕްއަށް ހުއްދަވެސް ދީފަ އޮތީ
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ޝާފިއު އަލީ

މިއީ ޑރ ބިލާލް ފިލިޕްގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތެވެ. ރާއްޖޭގައި ދީނީ ކަންކަން ބަލަހައްޓަން އޮތް ބެލެނިވެރި ފަރާތުގެ ބަހެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ޑރ.ބިލާލް ރާއްޖެ ގެނައުމާމެދު އިއުތިރާޒުނުކުރާހާހިނދު، އޭނަ ރާއްޖެ ގެނައުމަށް އޮތް ހުރަހަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.