ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާސެނަލަށް ކުރިން ކުޅުނު ލެޓްވިއާގެ ޑިފެންޑަރ އީގޯ ސްޓެފަނޯސް ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި އެފްއޭއެމަް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ޒުވާން ޓީމަކަށް މިހާތަނަށް ހަމަޖެއްސި އެންމެ މަތީ ފެންވަރުގެ ކޯޗެވެ.

ޒުވާން ގައުމީ ޓީމާ ހަވާލުވި ލެޓްވިއާގެ އީގޯ އަކީ އާސެނަލުން 2003 ވަނަ އަހަރު މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މެމްބަރެކެވެ.

ޒުވާން ގައުމީ ޓީމާ ހަވާލުވުމަށްފަހު އީގޯ ބުނީ ރާއްޖޭގެ ޒުވާން ޓީމާ ހަވާލުވީ ފައިސާގެ ސަބަބުން ނޫން ކަމަށެވެ. އަދި މި ޓީމުގައި ކުރަން އޮތް މަސައްކަތަކީ އޭނާ ޝައުގުވެރިވާށ މަސައްކަތެއް ކަމަށާއި، މިއީ ދުރުރާސްތާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޒުވާން ޓީމަށް ބިދޭސީ ކޯޗެއް ގެނައުމުގެ އެއް ބޭނުމަކީ ޔޫރަޕްގެ ތަޖުރިބާކާރު ކޯޗެއްގެ ފަރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ތަމްރީންތަކުގައި އައު ރަހައެއް ގެނެސްދިނުމާއި ރާއްޖޭގެ ލޯކަލް ކޯޗުންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. ނާދުގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު ވަނީ މުޅިން އަލަށް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.