އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް ގްރޫޕްސްޓޭޖަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. މި މެޗުގައި މާޒިޔާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޮޑަށް ކުޅުނީ ބެންގަލޫރު އެވެ. އަދި މާޒިޔާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެގެންދިޔައެވެ. މި ހާފުގައި މާޒިޔާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.

މާޒިޔާއިން ލީޑުނަގާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އައިސަމް ދިން ހިތްގައިމު ބޯޅައަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި ބޯޅަ ފޭދޫ އިއްބެ އަށް ލިބުނުއިރު ބެންގަލޫރުގެ ޑިފެންސްލައިން ފެނިގެންދިޔައީ ނެގިމަޑުވެފައި ތިބި ތަނެވެ.

މާޒިޔާއިން ލީޑު މާގިނައިރުތަކެއް ނުވަނީސް ބެންގަލޫރުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންގަލޫރަށް ނަތީޖާ ހަމަހަމަކޮށްދިނީ ނިލީ ޕެޑްރޯމޯ އެވެ. ބެންގަލޫރަށް ރެފްރީ މި ޕެނަލްޓީ ދިނީ މާޒިޔާގެ ޑިފެންޑަރު ޕީޓާ ޕެލަނިޗް އަތުގައި ބޯޅަ ޖެހުމުންނެވެ.

މާޒިޔާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓެވެ.

ބެންގަލޫރު ކޮޅަށް ގޯލުޖެހުމަށްފަހު މާޒިޔާގެ ސްޓެވާޓް އުފާފާޅުކުރަނީ -- ވީ ފޮޓޯ: އަހުމަދު ޝުރާއު

މިއީ ރާއްޖޭގެ ކްލަބަކުން ބެންގަލޫރު ބަލިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ބެންގަލޫރު ބަލިކޮށްފައިވަނީ 2018 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ.

ޕްލޭއޮފްގެ ފުރަތަމަ ލެގުން މާޒިޔާ މޮޅުވިއިރު، ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އިންޑިއާގައެވެ. ޕްލޭއޮފުގެ ދެ މެޗުން މޮޅުވެއްޖެ ނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.