ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ "ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ގެ މީޑިއާ ޕާޓަނަރަކަށް ވީމީޑިއާ ހަމަޖައްސައިފި އެވެ.
މިކަމާއިގުޅޭ އެއްބަސްވުމުގައި ވިލާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ހަމީދު އެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ރެކްޓަރ ޑރ އަހްމަދު އަންވަރުއެވެ. އަދި ވީމީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީންއެވެ.
ގައުމުގައި ހުރި އެކި ކަހަލަ މައްސަލަތަކަށް ޕްރެކްޓިކަލް އަދި އިލްމީ ނަޒަރަކުން ވިސްނައި މިކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ހަރަކާތްތައް މީޑިއާ ޕާޓްނަރުގެ ހައިސިއްޔަތުން ވީޓީވީ އާއި، ވީނިއުސްއިން ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވީމީޑިއާގެ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ ގައުމުގައި ހުރި ގިނަ މައްސަލަތަކަކަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ މިފަދަ ޕްރޮގްރާމެއްގެ މީޑިއާ ޕާޓްނަރަކަށްވުމުގެ ފުރުސަތު ލިބުމަކީ އުފާކުރައްވާކަމެއްކަމަށެވެ. އަދި މީޑިއާަ ޕާޓްނަރުގެ ހައިސިއްޔަތުން މި ޕްރޮގްްރާމުގެ ހުރިހާ ހަރަކާތެއްވެސް ރައްޔިތުންނާ ހަމަޔަށް އެންމެ ފުރިހަމަކަމާއެކު ގެނެސްދޭނެކަމަށް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ފަރާުތުން ވާހަކަދައްކަވަމުން ރެކްޓަރ އަހްމަދު އަންވަރު ވިދާޅުވީ ފިއުޗަރ މޯލްޑިވްސް އިނޝިއޭޓިވް ޕްރޮގްރާމުގައި ގައުމަށް މުހިންމު ބޮޑެތި އިޖްތިމާއީ އިގްތިސާދީ މައްސަލަތަކާ މެދު ވާހަކަދައްކާ ބަހުސްކުރެވި އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު މިޕެނަލް ޑިސްކަޝަން ތަކުގެ ތެރެއިން ވާހަކަދެއްކޭނެކަމަށެވެ.
މިއީ ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރަށް މުޅި މުޖުތަމައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑިސްކަޝަންތަކެއްކަންވެސް ރެކްޓަރ ފާހަގަކުރެއްވިއެެވެ. އެގޮތުން ކިޔަވާ ކުދިންނަށް ވިލާ ފައުންޑޭޝަންގެ އެލުމްނާއީ ނެޓްވޯކް އަދި އާންމު ރައްޔިތުންގެ އިތުރަށް ވާހަކަ ދެއްކުމަށް ކަނޑައަޅާފައިވާ މައްސަލައަކާ ގުޅޭ ތަޖުރިބާކާރުންނާ އެކު މިޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ޑރ. އަންވަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ހަމީދު ވިދާޅުވީ ވިލާ ކުންފުނީން ހިންގާ މި ތިން ކުންފުނިން މިފަދަ ޕްރޮގްރާމެއް ކުރިޔަށްގެންދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށެެެވެ. އަދި މި ޕްރޮގްރާމުން މުޖްތަމައަށް ގިނަ ފައިދާތަކެއްވެ، ކާމިޔާބުކަމާއެކު މި ޕްރޮގްރާމު ކުުރިޔަށްގެންދިޔުމަށް އުންމީދުކުރައްވާކަމަށެވެ.
"ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ޕްރޮގްރާމް އިފްތިތާހުކުރީ ވިލާ ގްރޫޕަށް 20 އަހަރު ފުރުމަށް ބޭއްވި ޚާއްސަ ހަފްލާގައެވެ.