އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވީ ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ސަބަބުން ބެންގަލޫރުގެ ކުޅުންތެރިންނަށް އުނދަގޫވުމުން ކަމަށް އެ ޓީމުގެ ސްޕެއިން ކޯޗު ކާލެސް ކުއަޑްރާޓް ބުނެފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށްފަހު މާޒިޔާ އަތުން ބެންގަލޫރު އަތުން ބަލިވީ ދަނޑުގެ ވިނަގަނޑު ގޯސްކަމުން ކަމަށް ބުނެފައެވެ.

ކުއަޑްރާޓް ބުނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑާއި ބެންގަލޫރު ދަނޑުގެ ވިނަގަނޑު ވަރަށް ތަފާތު ކަމަށެވެ. އެހެންކަމުން މި މެޗުގައި ކުޅުންތެރިންނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި ބެންގަލޫރުގައި ކުޅޭ މެޗުގައި މިއަށްވުރެ ރަނގަޅަށް އޭނާގެ ޓީމުން ކުޅޭނެކަމަށެވެ.

ކޯޗު ބުނީ މި މެޗުގައި އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ބޯޅަ ކޮންޓްރޯލް ކުރަން އުނދަގޫވި ކަމަށާއި މާޒިޔާއިން ދެވަނަ ލަނޑު ޖެހީވެސް އޭގެ ފައިދާ ނަގައިގެން ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑަކީ ގިނަ ޓީމުތަކަކަށް ކުޅެން އުނދަގޫވާ ދަނޑެއް ކަމަށާއި ބެންގަލޫރަށްވެސް ކުރިމަތިވީ އެ ހާލަތު ކަމަށެވެ. ދެވަނަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މިއަށްވުރެ ރަނގަޅަށް ކުޅެންޖެހޭ ކަމަށާއި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އޭނާގެ ޓީމުގައި އެބަހުރި ކަމަށެވެ.

ބެންގަލޫރުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން މޮޅުވުމަކީ އުނދަގޫކަމެއް ކަމަށާއި ނަމަވެސް އެ ޓީމުގެ ސަޕޯޓަރުންގެ އެހީއާއެކު އެއީ ނުވާވަރުގެ ކަމެއް ނޫންކަމަށް ކޯޗު ބުންޏެވެ. އަދި ދެވަނަ ލެގުގައި ޗެތްރީ ފެނުން ގާތްކަމަށްވެސް ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުން މާޒިޔާ އަތުން ބެންގަލޫރު ބަލިވިއިރު، އެޓީމުން 2018 ވަނަ އަހަރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް އޭގެ ކުރިން 20115 އާއި 2017 ވަނަ އަހަރު މާޒިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް ބެންގަލޫރު ވަނީ މޮޅުވެފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.