ތަފާތު އެކި ތަމްރީން ޕްރޮގްރާމްތަކަކީ އެކި މީހުންގެ ބުރަ މަސައްކަތް ކަމަށާއި، އެފަދަ ޕްރޮގްރާމްތަކުން ދަސްވާ ކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނާއިބް ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސްނެގުމުގެ މަތިން މުޅި ގައުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް "މަސަލަސް ރާއްޖެ" އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ނަސީމް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ކޮންމެ އޮއެވަރެއްގައި ރާއްޖެ ޖެހެމުންދާ ކަމަށެެވެ.

އެހެންކަމުން، ދުނިޔެއަށް އަންނަމުންދާ ކޮންމެ ކަމަކާމެދު ވިސްނައި، އެކަންކަމަށް ހޭލުންތެރިވާންޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އަދި ގައުމުގެ ކަަންކަން މިއަށްވުރެ ރަނގަޅު ކުރުމަށް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެއީ މިގައުމު އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށްވެސް ކުރުން ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް މަހަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ޕްރޮގްރާމްތައް ބާއްވައި، އޭގައި ބައިވެރިވެ ނިމިގެންދާއިރު، ދޭންޖެހޭ އެންމެ ފުރިހަމަ ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މިފަދަ ޕްރޮގްރާމްތަކަކީ ގިނަ ބައެއްގެ ވަގުތާއި، މިންނަތް މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ވަނީ އަމިއްލަ ހައްގުތައް ވާފަދައިން އެހެންމީހުންގެ ހައްގުތައް ވާކަން ދެނެގަނެ، އެހެން މީހުންގެ ހައްގުތަކަށްވެސް އިހްތިރާމް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކުޑަކުދިންގެ ގާނޫނު ވުޖޫދުވެގެން މިއައީ. އެގާނޫނަށް އެކަނި ވިސްނާލިޔަސް އެނގިގެންދާނެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އޭގައި ބުނާ ކަންކަން ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް، އެކަންކަން ކުރުމަށް އިލްތިމާސްކުރަން
ނާއިބް ރައީސް ފައިސަލް ނަސީމް

މިއަދު އިފްތިތާހު ކުރެވިގެންދިޔަ "މަސަލަސް ރާއްޖެ" މިޕްރޮގްރާމަކީ ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރަށް އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ދިވެހި ރައްޔިތުން ހޭލުންތެރިކޮށް، ހައްގުތައް ހޯދައި ކަށަވަރުކޮށްދިނުމާއި އެކަންކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ޖުމްލަ 17 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.