ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އިންޑިއާއާއި، ރާއްޖެއާދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ހޯމް މިނިސްޓަރ އަމިތް ޝާހުއާ އެކު ހުކުރު ދުވަހު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައެވެ. މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ގައުމުގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ އިމްރާން އިންޑިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަތުލް ކަރްވާލްއާއި ބައްދަލުކުރައްވާ އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޖޭ.އެމް ވިޔަސްއާ ބައްދަލުކުރައްވާ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މިބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. މީގެއިތުރުން ނިއުދިއްލީގައި ހުންނަ އިންޑިޔާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޝުރީ ވައި.ސީ މޯޑީއާވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިދަތުރުފުޅުގައި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބުދުއްރަހުމާން ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރ އިމްރާންގެ ވަފުދު ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.