ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާމެދު ދެކޭ ގޮތް ބަދަލުކޮށްގެން ކަމަށް، މިނިސްޓަރ އޮފ އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މާދަރީބަހުގެ ދުވަހާ ގުޅިގެން މިނިސްޓަރ ޔުމްނާ ދެއްވި ޚިތާބުގައި ވިދާޅުވީ ދިވެހިބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށެވެ. ބަހުރުވަތަކަކީ އެ އަތޮޅެއް ނުވަތަ ރަށެއްގެ ސަގާފަތާއި، ދިރިއުޅުން ދައްކުވައިދޭ މާނަވީ ތަރިކައެއް ކަމަށެވެ. ބަހުރުވަތައް ދިރުވަން މަސައްކަތްކުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަހަކީ ދިވެހިންގެ ތާރީޚާއި ސަގާފަތާއި ތަރިއާއި އާދަކާދައާ ގުޅުވައިދޭ އެއްޗެއް ކަމަށާއި އަދި އެއީ ތަހުޒީބާއި ތަމަންދުން ބިނާވާ ހަޟާރީ ތަރިކައެއް ކަމަށެވެ.

މިއަދު ރާއްޖޭގައިވެސް ގިނަ ކުދިން ވާހަކަދައްކާ އާންމު ބަހަކަށް އިނގިރޭސިބަސްވެ ދިވެހިބަހާއި ދުރަށް އެކުދިން ގެންދެވޭ ކަމީ ކަންބޮޑުވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަ ކުޑަކުދިންނާއި ޒުވާނުން މިހާރު ވިސްނައި، ވާހަކަދައްކާ ހަދަނީ އިނގިރޭސިބަހުން ކަމަށާއި މިއީ ދިވެހިބަސް އުވިގެން ހިނގައިދާނެ ކަމުގެ ނިޝާނެއް ކަމަށެވެ. ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާ މެދު ދެކޭ ގޮތް ބަދަލުކޮށްގެން ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން. ވާހަކަދައްކަނީ އިނގިރޭސިބަހުން. މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް. މިއީ ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް. މިހެންވުމުން ދިވެހިބަސް ރައްކާތެރިކުރެވޭނީ ބަހާ މެދު އަޅުގަނޑުމެން ދެކޭގޮތް ބަދަލުކޮށްގެން. ބަހަށް އަޅުގަނޑުމެން އިޖާބަދޭ ގޮތް ބަދަލުކޮށްގެން،
މިނިސްޓަރ ޔުމްނާ

މިނިސްޓަރ ޔުމްނާ ވިދާޅުވީ މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި ގޭތެރެއިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރުގެ ޚިތާބުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7000 ބަހުގެ ތެރެއިން ދެބައިކުޅައެއްބައި ނެތިދިޔުމުގެ ބިރު އޮތް ކަމެވެ. ގާތްގަނޑަކަށް ކޮންމެ 2 ހަފުތާއަކުން ބަހެއް އުވި ނެތެމުންދާ ކަމަށް ބަހުގެ މާހިރުން ވިދާޅުވާއިރު އެހެން އެކަން ހިނގާނަމަ، ކޮންމެ އަހަރަކު ގާތްގަނޑަކަށް 25 އަކަށް ބަސް އުވިގެންދާނެ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ސިކުނޑިތަކަށް ބަހެއް ރަނގަޅު ގޮތުގައި ވާސިލްކޮށް ނުދެވިއްޖެ ނަމަ އެ ބަހެއް ނެތިދާނެ ކަމަށް ބަހުގެ އިލްމުވެރިން ވިދާޅުވާ ކަމަށާއި، އެއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މި ފާހަގަކުރި 20 ވަނަ ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހުގެ ޝިއާރަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" މިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި ދަރިންގެ ސިކުނޑިތައް ބައްޓަންކުރުމުގައި މާދަރީބަސް އަދާކުރާ ދައުރަށް ސަމާލުކަން ދިނުން ކަމަށެވެ.