އެތެރޭގެ ދަތުރުތައް ކުރުމުގައި ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުންދަނީ ސީޕްލޭންގެ ދަތުރުތަކެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަންޒިލަކަށް ވުމުން، އަދި ރާއްޖެ އުފެދިފައި އޮންނަގޮތުން ސީޕްލެން ދަތުރުތަކަށް އޮންނަ ޑިމާންޑު ވެސް އިތުރުވެގެންދެއެވެ.

މިކަމަށް ފަތުރުވެރިންގެ މެދުގައި އޮންނަ މަގުބޫލުކަން އިތުރުވުމުގެ ސަބަބުން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ބައެއް އެހެން ކުންފުނިތައްވެސް މިހާރު ދަނީ ސީޕްލޭންގެ ހިދުމަތަށް ނިކުންނަމުންނެވެ. ސަބަބަކީ މި ހިދުމަތަކީ އެތެރޭގެ އުދުހުންތަކަށްވެސް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާ ހިދުމަތަށް ވުމެވެ.

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކޮށް ބައެއް ކުންފުނިތަކުން ބޮޑު ފައިދާއެއް ހޯދަމުންދާއިރު އަނެއްބައި ކުންފުނިތަކަށް އެކަމުގެ ގެއްލުންވާކަމަށް، އެދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ސުވާލު އުފައްދައެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަން އަކީ ވެސް ރާއްޖޭގައި ސީޕްލޭން ހިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ. ނަމަވެސް ސީޕްލޭންގެ ވާދަވެރިކަން ބޮޑުވެ އެކުންފުންޏަށް ލިބޭ އާމްދަނީ މިވަނީ ދަށްވެފައެވެ.

މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތަކުން އެކުންފުންޏަށް ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 12 މިލިއަން ދަށްވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ވަނީ ދައްކާފައެވެ.

މޯލްޑިވިއަންގެ ސީޕްލޭންއެއް

ޕީސީބީ ބޯޑުން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވިއަން އަށް ސީޕްލޭން އޮޕަރޭޝަންތަކުން ލިބިފައިވަނީ 64.8 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އޮޕަރޭޝަންތަކުން ލިބުނު އާމްދަނީ ވަނީ 50 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދޔަ އަހަރުގެ ދެވަނަ ކުއާޓަރ އާއި އަޅާ ބަލާއިރުވެސް މި އަދަދު ދަށްވެފައިވާކަން ޕީސީބީ ބޯޑުގެ ތަފާސްހިސާބު ތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސީޕްލޭން އޮޕަރޭޝަންތަކުން 54.2 މިލިއަން ރުފިޔާގެ އާމްދަނީއެއް މޯލްޑިވިއަންއަށް ވަނީ ލިބިފައެވެ.

ގައުމި އެއާލައިން އަކީ ސީޕްލޭންގެ ހިދުމަތާއި ވައިގެދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންއަންނަ ކުންފުންޏަކަށްވީ ނަމަވެސް ފާއިތުވި އަހަރުގެ ތެރޭގައި މޯލްޑިވިއަން އަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ޕީސީބީގެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.

އެގޮތުން މޯލްޑިވިއަން އިން ރިސޯޓްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތައް ވާދަވެރިންނަށް ބަދަލުކޮށްފައިވުމުގެ ސަބަބުން އެކުންފުންޏަށް 12.8 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާންޖހެިފައިވާކަމަށް ވެސް ޕީސީބީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޯލްޑިވިއަންގެ ސީޕްލޭންއެއް

ސީޕްލެން އޮޕަރޭޝަންތަކުން ލިބުނު އާމްދަނީ ދަށަށް ދިޔަ އަނެއް ސަބަބެއް ކަމަށް ޕީސީބީ ބޯޑުން ހާމަކޮށްފައި ވަނީ، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުގެ އަދަދު މަދުވުމެވެ.

އޭގެ ސަބަބުން 1.47 މިލިއަން ރުފިޔާގެ ގެއްލުމެއް މޯލްޑިވިއަން އަށް ލިބިފައިވެއެވެ. އަދި ސީޕްލޭން ދަތުރުތަކުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އުފުލި ދިވެހިންގެ އަދަދު މަދުވުމުގެ ސަބަބުން 380،000 ރުފިޔާގެ ގެއްލުންވި ކަންވެސް ޕީސީބީ ބޯޑުގެ ރިޕޯޓުން ދައްކައެވެ.

މީގެ އިތުރަށް 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވިއަން އަށް މުޅިއެކު 603.18 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 514 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ސީޕްލެންގެ އޮޕަރޭޝަންތަކުން މޯލްޑިވިއަން އަށް ލިބުނު އާމްދަނީ ވެސް ދަށަށްގޮސްފައި ވާއިރު މި ހިދުމަތް ދިނުމުގައި ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވެ، ސީޕްލޭންގެ ހިދުމަތް ފުޅާކޮށްފައިވާކަން ފާހަގަކޮށްލެ ވެއެވެ. އަދި މި ހިދުމަތް ދިނުމުގައި މިހާރު ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވަމުންދާއިރު މޯލްޑިވިއަން އަށް މިހާބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިމިވަނީ ކުންފުނިތަކުގެ މެދުގައި އުފެދިފައިވަ ވާދަވެރިކަމުގެ ސަބަބުން ކަމަށްވެސް މި ދާއިރާގައި ހަރަކާތްތެރިވާ މާހިރުން ގެންދަނީ ބުނަމުންނެވެ.