ބަޔޯ ޓެކްނޮލޮޖީ ފޮރ ބެޓަރ ޓުމޮރޯ 2020ގެ ނަމުގައި ބައިނަލްއަޤްވާމީ ކޮންފަރެންސެއް ރާއްޖޭގައި ފަށައިފިއެވެ.

މައިކްރޯ ބައިލޮޖިސްޓް ސޮސައިޓީ އޮފް އިންޑިއާ އާއި މޯލްޑިވްސް ނޭޝަނަަލް ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ 2 ދުވަހުގެ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ރިސާރޗަރުންނާއި ސައިންސިންޓުންވެސް ހިމެނޭހެން 50 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވަނީ ރާއްޖޭގައި މި ކޮންފަރެންސް ބާއްވާތީ ޝުކުރުއަދާ ކުރައްވާފައެވެ.

ބަޔޯ ޓެކްނޮލޮޖީއަކީ އިންސާނުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި މުޅި ދުނިޔެ މިހާރުވެސް އެކަމަކަށް ބަރޯސާވެފައިވަނީ ބަޔޯ ޓެކްނޮލޮޖިސްޓުންނަށް ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި ގިނަ ބަލިތަކެއްވާއިރު، މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދުމަށްޓަކާ ބަޔޯ ޓެކްނޮލޮޖިސްޓުންގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވެކްސިންއާ ދެކޮޅުމީހުން ދުނިޔޭގެ އެކި ސަަރައްދުތަކުގައި ވާކަން ފަހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެތައް ސަތޭކަ ބައްޔަކަށް ވެކްސިނުން ފަރުވާ ދީފައިވާކަން ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން ބަޔޯ ޓެކްނޮލިޖީއަކީ އިންސާނުންނަށް ބޭނުންތެރި ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެފަދަ، މީހުންނާއި ވަސީލަތް މަދު ގައުމެއްގައި މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާ ލައްވާފައެވެ.

މި ކޮންފަރެންސް ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުން ގައުމީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ ޑރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ކޮންފަރެންސްގެ ތީމަށް ބަލާލުމުން، މިއީ ވަރަށް ވާހަކަދެއްކިދާނެ ތީމެއް ކަމަށާއި ބަޔޯ ޓެކްނޮލޮޖީއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

މި ކޮންފަރެންސްގެ ސަބަބުން ރަގަޅު ނަތީޖާއެއް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މައިކްރޯ ބައިލޮޖިސްޓް ސޮސައިޓީ އޮފް އިންޑިއާގެ ރައީސް، ޕްރޮފެސަރ ޑރ އަރްވިންދް މާދަވްރާއޯ ދޭޝްމުކް ވިދާޅުވީ ރާއްޖެފަދަ ކުޑަ، އަދި ތަރައްގީވަމުން އަންނަ ގައުމެއްގައި މި ކޮންފަރެންސް ބާއްވާކަމީ އުފާކުރައްވާ ކަމެއް ކަމަށާއި ދެދުވަހުގެ މި ކޮންފަރެންސްގައި ގިނަ ޚިޔާލުތަކެއް ލިބި، ގިނަ ކަންތަކާ މަޝްވަރާ ކުރެވޭނެކަމަށެވެ.

އެ ސޮސައިޓީން ގިނަ ހަރަކާތްތަކެއް އިންތިޒާމުކުރާއިރު، ގައުމީ ޔުނިވަރސިޓީން މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް އެއްބާރުލުން ދިނުން އުފަލާއެކު ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ސަންޖޭ ސުދިރް ވެސްވަނީ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވޭތީ އުފާކުރައްވާކަން ފާހަގަކުރައްވާ މިކޮންފަރެންސްގައި އިންޑިއާގެ އިތުރަށް އަވައްޓެހި ބަންގްލަދޭޝްއާއި ސްރީލަންކާއާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ސައިންޓިސްޓުންނާއި ރިސާރޗަރުން ބައިވެރިވެފައިވާތީ އެކަން ފާހަގަ ކުރައްވާފައެވެ.

އަދި ދިިރިއުޅުމުގައި ދިމާވާ ކަންތަައްތަކުން އަރައިގަތުމަށް ބަޔޯ ޓެކްނޮލިޖީގެ މުހިންމުކަމަށްވެސް ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑރ ހަސަން ހަމީދާއި ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.