ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ އެއް ޓީވީ ސިޓްކޮމް، "ފްރެންޑްސް" ގެ ހަ ކާސްޓުން އެކީގައި ފެންނާނެ ޕްރޮޖެކްޓެއްގެ މަސައްކަތް އެޗްބީއޯ މެކްސްއިން ފަށައިފިއެވެ.

މިހާތަނަށް ނަމެއް ދީފައިނުވާ "ފްރެންޑްސް ރީޔޫނިއަން" އަކީ ސީރީޒްއެއްކަމެއް ނުވަތަ ފިލްމެއްކަމެއް އެޗްބީއޯ މެކްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ސީރީޒްއިން ފެންނަ ހަތަރިންވެސް މިމަސައްކަތުން ފެންނާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެއީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮޒް، ލިސާ ކުޑްރޯ، މެޓް ލިބްލޭންކް، މެތިއު ޕެރީގެ އިތުރުން ޑޭވިޑް ޝްވިމަރ އެވެ.

އެޗްބީއޯ މެކްސްއަކީ ސްޓްރީމިން ޕްލެޓްފޯމެކެވެ.

އެޕްލެޓްފޯމުގެ ޗީފް ކޮންޓެންޓް އޮފިސަރ ކެވިން ރެއިލީ ބުނީ މިއީ "ފްރެންޑްސް" ގެ ފޭނުން އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ އިންތިޒާރެއްގެ ނިމުމަށް ވާނެކަމަށެވެ.

https://www.instagram.com/p/B82EvUMgJJ6/?utm_source=ig_web_copy_link

މިހާތަނަށް އައިއިރު މިމަސައްކަތް ބެލުންތެރިންނަށް ދައްކާލާނެ ވަކި ތާރީޚެއް އިޢުލާން ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ސްކްރިޕްޓް މިހާރު ވަނީ މުޅިން ތައްޔާރުކޮށް ނިމިފައެވެ.

1994 ވަނަ އަހަރުން 2004 ވަނަ އަހަރަށް "ފްރެންޑްސް" ގެ 10 ސީޒަންއެއް ރިލީޒްކޮށްފައި ވެއެވެ. އޭގެފަހުން ނެޓްފްލިކްސްގައި މި ސީރީޒް ސްޓްރީމް ކުރިއެވެ. އެޕްލެޓްފޯމުގައި އެންމެ ފިނަ އަދަދެއްގެ ވިއުޒް ލިބުނު ސީރީޒްގެ ގޮތުގައި "ފްރެންޑްސް" ރެކޯޑު ކުރެވެނު އިރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު އެޕްލެޓްފޯމުން ސީރީޒް ވަނީ ނަގާފައެވެ.

އޭގެފަހުން މިއަހަރުގެ ޖެނުއަރީއިން ފެށިގެން "ފްރެންޑްސް" ސްޓްރީމް ކުރަމުންދަނީ އެޗްބީއޯ މެކްސް އިންނެވެ.

އެޗްބީއޯ މެކްސްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ފްރެންޑްސް ރީޔޫނިއަންއަށް ކޮންމެ ކާސްޓަކަށް 2.5 މިލިއަން ޑޮލަރުގެ އަގެއް ދޭނެއެވެ. އެޗްބީއޯ މެކްސްގެ މިމަސައްކަތުގެ ޕްރޮމޯޝަން ފްރެންޑްގެ ބައެއް ކާސްޓުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ފަށައިފައެވެ.