ކޮންމެ އަހަރަކުވެސް ދިވެހި ބަހުގެ އެކެޑަމީން ކުރިއަށްގެންދާ "އަދަބީ އީދު" މިއަހަރު މާލޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.

މާދަރީ ބަހުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ އަދަބީ އީދު ހަރަކާތް މިފަހަރު ކުރިއަށް ގެންގޮސްފައިވަނީ، މާލޭގެ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގައެވެ.

ހެނދުނު 9 އަކުން ފެށިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި 19 ސްކޫލަކުން 500 އަށްވުރެ ގިނަ ދަރިވަރުން މިފަހަރު ބައިވެރިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތު ދީފައިވެއެވެ.

ދިވެހިބަހާއި ބަހުގެ އެކި ބައިތަކާއި ދިވެހި ތާރީޚާއި ޘަގާފަތް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ބަހުގެ އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ އަދަބީ ޢީދުގައި މިފަހަރުވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެން ގޮސްފައިވެއެވެ.

އެގޮތުން ފާރުނޫސް ހެދުމުގެ މުބާރާތް، އަތުލިޔުމުގެ މުބާރާތް، ރައިވަރު ކިޔުމުގެ މުބާރާތް، ނޫސް ސިންތާ، އެބައުޅޭ މިބައުޅޭ، އަދި މީގެއިތުރަށް ޕްރެސެންޓޭޝަން ހުށަހެޅުމުގެ މުބާރާތެއްގެ އިތުރަށް، ދިވެހި ކެއުމުގެ އަދަބީ ޖާފަތުގެ މުބާރާތެއްވެސް މިހަރަކާތުގެ ތެރެއިން މިއަދު ބާއްވާފައި ވެއެވެ.

މި ހަރަކާތްތަގެ ތެރެއިން މުބާރާތްތަކުން ވަނަވަނަ ހޯދި ސްކޫލުތަކަށް އިނާމުވެސް ވަނީ ދީފައެވެ.

ހަރަކާތްތައް ފެށުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައިސް އަޝްރަފް އަލީ ވިދާޅުވީ، ދުނިޔެ ބަވަނަމުންދާ ވަރަކަށް ގިނަމީހުން ބޭނުންކުރާ ބޮޑެތި ގައުމުތަކުގެ ބަސްތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ގައުމުތަކުގެ ބަސްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. މިހާތަނަށް އެތައް ބަހަކާއި ބަހުރުވައެއް ނެތިގެން ގޮސްފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަސް ނެތެމުންދިޔުމުގެ ޒިންމާއަކީ ހަމައެކަނި ތައުލީމީ ނިޒާމުން ނަގަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި ބަހަށް އަސަރުކުރާ ގިނަ ގޮތްތަކެއް އެބަހުރި ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެހެންވީމާ އެހުރިހާ ކަންކަމެއް ދެނެގަނެ ދިވެހިބަސް ނެތިގެން ދިޔުމުގެ ކުރިން ބަސް ހިމާޔަތް ކުރަންޖެހޭ ކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ ޢަދަބީ ޢިދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރި ކުރުމަށް މަސައްކަތްކުރާނެ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެކެޑަމީން ބުނެއެވެ.