ކިއުންތެރިންގެ ސަމާލުކަމަށް:

ގުއަޑެން ބޭލްސްއާ ގުޅޭގޮތުން ވީނިއުސްގައި ޝާއިއު ކުރެވިފައި ތިރީގައިމިވާ އާޓިކަލްގައި ގޯސް މައުލޫމާތުތަކެއް ހިމެނޭތީ، އެކަމަށް މައާފަށް އެދި އަދި އިތުރަށް ރިސާޗްކޮށް ސައްހަ މައުލޫމާތު ހިމެނޭ އައު އާޓިކަލްއެއް މިއަދު ވާނީ ވީނިއުސްގައި ޝާއިއު ކުރެވިފައެވެ. ބޭލްސްއާ ގުޅޭގޮތުން ތިރީގައި މިވާ ލިޔުމުގައި ހިމެނޭ މަޢުލޫމާތުތައް ނެގިފައިވަނީ ސައްޙަ ސޯސްއަކުން ކަމުގައި ނުވާތީ އެކަމަށް ކިއުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.

-

އޮސްޓްރޭލިއާއަށް އުފަން އުމުރުން 18 އަހަރުގެ ކުއަޑެން ބޭލްސްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްކޮށް މުޅި ދުނިޔެއަށް އޮޅުވާލައިފިއެވެ.

"ދިސް އިޒް ވަޓް ބުލީން ޑަޒް" ކެޕްޝަންއާއެކު ބޭލްސްގެ މަންމަ ނަގާފައިވާ ވީޑިއޯއެއް ކަމަށްބުނެ ޓްވިޓަރގައި އާންމުކުރި މިވީޑިއޯއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި މިލިއަނަށްވުރެއް ގިނަ ވިއުވާޒް ލިބުނުއިރު މިވީޑިއޯ ފޭސްބުކްއާ އިންސްޓަގްރާމްގައިވެސް ވައިރަލްވެގެން ދިޔައެވެ.

މީޑިއާތަކުންވެސް ރިޕޯޓުކުރަމުންދިޔައީ އެއީ އުމުރުން 9 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާއަށް ސްކޫލުގައި ކުދިން ހަނގާކުރުމުން ކުރާ އަސަރު ވީޑިއޯއިން ފެންނަ ކަމަށެވެ.

ވީޑިއޯގައި ބޭލްސް ބުނަނީ ބޭނުންވަނީ އަމިއްލައަށް މަރުވާން ކަމަށެވެ. އަދި އެހީވާނެ އެއްވެސް މީހަކު ނެތްކަމަށާއި އެންމެންވެސް ކުރަނީ މަލާމާތް ކަމަށެވެ.

ބޭލްސްއަކީ އިންސްޓަގްރާމް މޮޑެލްއެކެވެ. އެކްޓަރެކެވެ. އޭނާއަކީ "ޑްވާފިޒަމް" ގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. އެހެންކަމުން އޭނާ ހުންނަނީ އިސްކޮޅުން ވަރަށް ކުޑަކޮށެވެ. ހަށިގަނޑުވެސް ހުންނަނީ ކުޑަކޮށެވެ.

ވީޑިއޯ ވައިރަލްވުމާއެކު އެމެރިކާގެ ކޮމީޑިއަން ބްރެޑް ވިލިއަމްސްވަނީ ބޭލްސްއަށް 366000 ޑޮލަރު ހަދިޔާކޮށް، ޑިޒްނީލޭންޑަށް ދިއުމަށް ދަޢުވަތު ދީފައެވެ.

ކުއަޑެން ބޭލްސްއަކީ މާލީގޮތުން ތަނަވަސް މީހެއްކަމަށް ފަހުން މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ. ބޭލްސް ފަހުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުވެސް ޕްރައިވެޓް ކޮށްފައެވެ.

ބޭލްސްގެ އުމުރުން 4 އަހަރުގައި "ޑްވާފިޒަމް" އާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އޭނާގެ މަންމަ އޮސްޓްރޭލިއާގައި ކެމްޕެއިނެއްވެސް ފެށިއެވެ. އޭގެ ސަބަބުން އޭނާއަކީ ސޯޝަލް މީޑިއާގައިވެސް ނުފޫޒުގަދަ މީހަކަށް ފަހުން ވިއެވެ.