ދައުލަތަށް ގެއްލިފައިވާ ފައިސާ ތަކާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ފަރާތްތަކާ ގާނޫނު އަރާ ހަމަ ކުރާނެ ވާހަކައަކީ މި ސަރުކާރުން ވެރިކަމަށް އައުމުގެކުރިން އެންމެ ބާރަށް ދެއްކި އެއް ވާހަކައެވެ. ވެރިކަން ލިބުމާއެކު އެ މަސައްކަތް ބާރު ސްޕީޑެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފެއްޓެވިއެވެ. އެގޮތުން ގައުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ އެ މީހަކަށް އޭގެ އަދަބު ލިބޭނެ ކަމަށާއި އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" ވެސް ތަސްދީގުކުރެއްވިއެވެ.

މިދިޔަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާނަމަ، އެކަން ސިއްރު ނުކޮށް، ކަމާގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ޤައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުމުންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ކަންކަމުން އެނގި ހާމަވަނީ އަދުގެ ސަރުކާރުން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ކެރޭނެކަމެވެ.

ސަރުކާރުން މި ކަންކަމަށް ޒީރޯ ޓްލަރެންސް ދޭނެ ކަމާއެކު ރައްޔިތުންގެ އުންމީދު އިތުރުވެގެންދިޔައެވެ. އެކަމަކު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރެއްވި ދަތުރުފުޅެއްގައި އަރިހުގައި އުޅުއްވި ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެންގި ހިސާބުން އަނެއްކާވެސް ދައުލަތުގެ ފާއިސާ ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ވާހަކައިގެ އަޑުގަދަވެއްޖެއެވެ. އޭސީސީން މިމައްސަލަ ބެލުމަށްފަހު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މައްސަލަ ބެލިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަރަދުކޮށްފައިވަނީ 1220 ރުފިޔާ ކަމަށެވެ. މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދުގެ ހަށިފާރަވެރިންނާއި، ޗީފް ބިއުރޯ އޮފިސަރު، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1330 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1220 ރުފިޔާ ކަމަށްވެސް ރިޕޯޓްގައިވެއެވެ. މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ފަހު އެކަން ކޮމިޝަނަށް އެންގުމަށްވެސް އޭސީސީން ވަނީ މަޖިލީހުގެ އިދާރާއަށް އަންގާފައެވެ.

މިއާއެކު މަޖިލީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން ރައީސް ނަޝީދު ވަނީ ޓްވީޓްކޮށް މަޖިލީހުގެ ޖަލްސާގައި މިމައްސަލައިގައި މެންބަރުން ކޮންމެވެސް ވަރަކަށް ބަހުސްވެސް ކުރައްވާފައި ވެއެވެ. މަޖިލީހުގެ ޖަލްސާގައި މެންބަރުން އޭސީސީގެ މިނިންމުން ސިފަކުރައްވާފައިވަނީ "މަޖާ ކަމެއްގެ" ގޮތުގައެވެ. އަދި ރައީސް ނަޝީދުވެސް މި މައްސަލަ މާ ބޮޑު ކަމަކަށް ހެއްދެވި މަންޒަރެއް ނުފެނުނެވެ. މި މައްސަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ އޭސީސީގެ ނިންމުމަށް ގޮންޖައްސަވަންޖެހޭ ކަމަށެވެ. މިއީ އޭސީސީން މަޖިލީހުގެ ރައީސްގެ ކިބައިން ބަދަލުހިފުމަށް ކުރެއްވި ކަމެއް ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ. މި މައްސަލާގައި އިދިކޮޅުންވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އޭސީސީގެ ނިންމުން ރައީސް ނަޝީދާ ދެކޮޅަށް އައުމުގެ ޒިންމާ ޑިފެންސް މިނިސްޓްރީން ނަގަންޖެހޭނެ ކަމަށާއި މަޖިލީހުން އެކަން ބަޔާންކޮށް ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވުމަށްވެސް ޝިޔާމް އެދިވަޑައިގަތެވެ.

މައްސަލަ ލުއި ގޮތަކަށް ނަގައިގެން ޖޯކުޖަހަމުން ދަނިކޮށް މީގެ ސީރިއަސްކަން ރައްޔިތުންނާ ހަމައަށް ގެނެސްދެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް އެވ. ހައިލަމްވެސް ވަނީ ރައީސް ނަޝީދުގެ މި މައްސަލާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވި ކޮރަޕްޝަނަކީ އެމަނިކުފާނުގެ މެންބަރުކަން ގެއްލޭފަދަ ކުށެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމިއްލަފުޅު ދަތުރެއްގައި ހަށިފާރަވެރިޔާ އާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އެންގުވުމުގެ މާނަ ވަރަށް ސާފު ކަމަށާއި އަދި އެކަމުން އެނގެނީ ދައުލަތުގެ ފައިސާ ބޭނުން ކޮށްފައިވާކަން ސާބިތުވެއްޖެ ކަމާއި، އެކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭކަން އޭސީސީއަށް ގަބޫލުކުރެވޭކަން ކަމުގައި ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުށެއް ފުރިހަމަވުމަށް ދެކަމެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ލިބިފައިވާ ހައިސިއްޔަތުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރުމާއި އެކަން ކުރަނީ ތިމާއަށް ނުވަތަ އެހެން މީހަކަށް އޭގެ ފައިދާ ހޯދައިދިނުމަށް ބޭނުންކުރުން ކަމަށެވެ. އެގޮތުން އަމިއްލަ ދަތުރެއްގެ ކަންކަމަށް ދައުލަތުގެ ފައިސާ ހަރަދުކޮށްފައިވަނީ ނަޝީދަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ބާރު ބޭނުންކޮށްގެން ކަމަށާއި އެފައިސާ ދެއްކުމަށް އޭސީސީން އެންގުމުން އެނގިގެންދަނީ ޖިނާޢަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެއްޖެކަން ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ތަހުގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝައީއަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް ކަންވެސް ހައިލަމް ފާހަގަ ކުރެއްވިއެވެ. އަދި ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލުން ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

ހައިލަމްގެ މި ވާހަކަތަކުން ސާބިތުކޮށްދިނީ ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހުމަކީ ގާނޫނީގޮތުން ބޮޑު ކުށެއް ކަމެވެ. އަދި އެއީ އެކަން އެހާ ލުއިގޮތެއްގައި ނެގުމުގެ ބަދަލުގައި މައްސަލައިގެ ބާވަތުން އެކަން ސީރީއަސްކޮށް ބެލުމުގެ މުހިންމު ކަމެވެ. ދައުލަތުގެ މުދަލަކުން އަމިއްލަ ބޭނުމަށް ކުރާ ކޮންމެ ކަމަކީ އެ މުދަލެއް ނަހަމަގޮތުގައި ބޭނުންކުރުން ކަން އެންމެނަށްވެސް އެނގޭނެއެވެ. މިކަމުގެ ހިތި ތަޖުރިބާ ކޮށްފައިވާ ފަރާތްތައް މިހާރުވެސް މަދެއްނުވާނެއެވެ. އެގޮތުން ނައީމް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ދުވަސްވަރު ދައުލަތުގެ ކޭޝްކާޑަކުން އަމިއްލަ ބޭނުމަކަށް އޮފީސް ޓައިއެއް ގަނެފައިވާކަން ސާބިތުވެގެން އެމްޑީޕީގެ ވެރިކަމުގައި އޭނާ އެ މަގާމުން ވަކިކުރިއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުންނަށް މިމައްސަލައަކީ އެމަނިކުފާނު ކުރެއްވި ކުށެއްގެ ގޮތުގައި ބަލައިނުގަތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވައިރު މިހާރުގެ ވެރިކަންވެސް ނިސްބަތްވަނީ ހަމަ އެމްޑީޕީ އަށެވެ. ތަފާތަކީ ކުށްކުރި މީހާއެވެ. ގާނޫނަކީ އެންމެނަށް ހަމަހަމަ އެއްޗަކަށް ވާއިރު ގާނޫނު އަރާ ހަމަކުރަނީ ވަކި ބަޔަކަށްތޯ މިއީވެސް ރައްޔިތުން އުފައްދާ ސުވާލެކެވެ. އަދުލު އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމަށް އެންމެ ބާރަށް ގޮވާ ބަޔަކީވެސް ހަމަ އެމްޑީޕީ މީހުންނެވެ. އެހެންކަމަށް ވާނަމަ ތިޔަ ބުނާ އަދުލު އިންސާފުން ރައްޔިތުންނަށް ކަންކަން ކުރުމުގައި އަވަސްވެގަތުން ނޫން އިތުރު އެހެން ގޮތެއް ނެތް ކަމަށް މިއަދު ގިނަ ބަޔަކު ދެކެއެވެ.