ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި މުޅި ދުނިޔެއަށްވެސް އޭގެ ނުރައްކާ އޮތް ކޮވިޑް-19 ގެ ޝިކާރައަށްވި ޗައިނާގެ ރައްޔިތުންނަށް ޚާއްސަކޮށް ބޮލީވުޑް ސުޕަސްޓާ އާމިރް ޚާން ވީޑިއޯއެއް އާންމުކޮށްފިއެވެ.

މިވީޑިއޯގައި އާމިރު ބުނީ ޗައިނާގައި ދިރިއުޅޭ އޭނާގެ ބައެއް ރައްޓެހިންގެ ފަރާތުން ކޮރޯނާވައިރަސްގެ ބިރުވެރިކަން އެޤައުމުގައި އޮތް މިންވަރު އޮޅުންފިލުވި ކަމަށެވެ. އަދި ކޮރޯނާވައިރަސްގެ ޚަބަރުތައް ލިބޭ ކޮންމެ ފަހަރަކު ހިތްދަތިކަން އިހުސާސް ކުރެވޭކަމަށް ބުންޏެވެ.

މީގެއިތުރުން ވައިރަސްގައި އާއިލާ ނުވަތަ ގާތްމީހަކު ދުނިޔެ ދޫކޮށްފައިވާނަމަ އެފަރާތްތަކަށް ތަޢުޒިޔާ ކިޔާކަމަށާއި ގާތްމީހަކު ދިރިއުޅުމާ ދުރަށް ދާން ޖެހުމަކީ ހިތްދަތިކަމެއްކަން އިހުސާސް ކުރެވޭކަމަށް އާމިރު ބުންޏެވެ. އަދި މިއުނދަގޫ ވަގުތުގައި ހިތްވަރުކުރުމަށް ޗައިނާގެ ރައްޔިތުންނަށް ބުނެ އޭނާވަނީ ހިތްވަރުދީފައެވެ.

އާމިރްޚާންގެ ވީޑިއޯގެ ތެރެއިން

ޗައިނާ ސަރުކާރުން ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އާމިރު ބުނީ އުއްމީދު ކުރަނީ ވީ އެންމެ އަވަހަކަށް މިބަލިމަޑުކަމުން ސަލާމަތްވުން ކަމަށެވެ.

އާމިރް ޚާންއަކީ އޭނާގެ ފިލްމީ މަސައްކަތްތަކުގެ އިތުރުން މިފަދަ މުހިންމު އިޖުތިމާޢީ މަސައްކަތްތަކުގެ ސަބަބުންވެސް އާންމުންގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. މީގެކުރިންވެސް އާމިރު ވަނީ މިފަދަ ކަންކަމަށް އެޑްރެސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.