• ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ: އެޗްޕީއޭ

ގިނަމީހުން އެއްތަންވާ ބޮޑެތި ހަރަކާތްތައް މިދުވަސްވަރު ނުބާއްވައި، ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިރުޝާދު ދީފިއެވެ.

އެގޮތުން، ކުއްލިއަކަށް ބާއްވަންޖެހޭ ކަންކަން ފިޔަވައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބާޒާރުތަކާއި، ކޭމްޕްތައް ފަދަ، ގިނަމީހުން އެއްތަންވާ ހަރަކާތްތައް މިދުވަސްވަރު ނުބާއްވައި ފަސްކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައި ވެއެވެ.

އެޗްޕީއޭއީން މިކަން ހާމަކުރީ، މިރޭ ކުރި ޓްވީޓެއްގައެވެ.

އެހެން ނަމަވެސް، އާއިލީ އެއްވުންތަކާއި، ކައިވެނީގެ ހަފްލާތަކާއި، ސްކޫލްތަކުގެ ކްލަބް ހަރަކާތްތަކާއި، ޔުނިފޯމް ހަރަކާތްތަކުގެ ބައްދަލުވުންތައްފަދަ، ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް، އެޗްޕީއޭގް ޓްވީޓްގައި ބަޔާން ކޮށްފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިކަމަށް އިރުޝާދު މިދިނީ، މިފެށޭ މާޗްމަހުގެ ކުރީކޮޅު އަންނަ ސްކޫލް ބަންދާ ދިމާކޮށް، ސްކޫލްތަކުގެ ގިނަ ހަރަކާތްތައް ރާވާފައި ވަނިކޮށެވެ. އެގޮތުން، އިތުރު ހަރަކާތްތަކުގެ ކޭމްޕްތަކާއި، ސްކޫލް ކުދިން ބައިވެރިވާ އެކިއެކި ކުޅިވަރު މުބާރާތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަނެއްކޮޅުން، ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވާއިރު، އިންތިޚާބަށް ކެމްޕެއިން ކުރުމަށް ސިޔާސީ ޕާޓީތަކުން ގެންދަނީ ކެމްޕެއިން ޖަލްސާތައްވެސް ބާއްވަމުންނެވެ. އަދި ސްކޫލްތައް ބަންދުވުމުން ކެމްޕެއިން ހަރަކާތްތައް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމަށްވެސް ބެލެވިފައި ވެއެވެ.

ގިނަ މީހުން އެއްތަންވާ ބޮޑެތި ހަރަކާތްތައް ފަސްކުރުމަށް އެޗްޕީއޭއީން އިރުޝާދު ދީފައިވާއިރު، ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން، ރައްކާތެރި ފިޔަވަޅެއްގެގެ ގޮތުން ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށްވެސް އެޗްޕީއޭއީން ވަނީ އިލްތިމާސް ކޮށްފައެވެ. އެ ހަތްގައުމަކީ، ޖަޕާން، ސިންގަޕޫރު، ހޮންގްކޮންގ، ދެކުނު ކޮރެއާ، ތައިލެންޑް، އީރާން އަދި އިޓަލީއެވެ.

މި ހަތްގައުމަކީ، ޗައިނާ ފިޔަވައި މިވަގުތު އެންމެ ބާރަށް ވައިރަސް ފެތުރެމުންދާ ކަމަށް ރިޕޯޓްކުރަމުންދާ ގައުމުތަކެވެ.

"ކޮވިޑް-19" ނުވަތަ ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެ، ކޮންޓްރޯލް ވުމުގެ ފުރުސަތު ހަނިވަމުންދާ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައިވާއިރު، ޗައިނާއާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް މީހުންގެ މެދުގައިވެސް ވައިރަސް ފެތުރެމުންދާތީ، ޑަބްލިޔޫއެޗްއޯއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.