ކުރީގެ ބަންޑާރަ ނާއިބް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހަންމަދު މުނައްވަރަށް ސްރީލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޑރ. މުހަންމަދު މުނައްވަރުއަށް އައިސީޔޫގައި ފަރުވާ ދެމުންގެންދަނީ ހިތްޕުޅުގެ ބައިޕާސް ސާޖަރީއަކަށް ފަހުގައި ކަމަށް، ވީނިއުސްއަށް ކަށަވަރުވެފައި ވެއެވެ. ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ޑރ. މުނައްވަރުއަށް ފަރުވާ ދެމުންގެންދަނީ ލަންކާގެ ކޮން ހޮސްޕިޓަލެއްގައި ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ޑރ. މުހަންމަދު މުނައްވަރު ބަންޑާރަ ނާއިބްކަން ކުރައްވާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އަދި ޑރ. މުނައްވަރަކީ މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެބޮޑު ޕާޓީ ކަމަށްވާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ އެންމެ ފުރަތަމަ ރައީސްވެސް މެއެވެ.

ޑރ. މުނައްވަރު އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވަނީ 2 ޖޫން 2007 އިން 13 އޮގަސްޓް 2008 އަށެވެ.

އައްޑޫއަތޮޅު މީދޫއަށް އުފަން ޑރ. މުހަންމަދު މުނައްވަރުވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ގޮނޑިވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ.