އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކައުންސިލްގެ 80 މެމްބަރ ގައުމާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. މި ބައްދަލުވުމުގައި މިމަހުގެ 25 ވަނަ ދުވަހު، ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވާނެއެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓުގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ.ގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިޝެލް ބެޝެލޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައެއް ޖަމްއިއްޔާތަކުގެ ވެރިންނާއިކު މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގްބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާާތުދެއެވެ.

ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު 3 ހަރަކާތެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮމަންވެލްތު އޮފް ނޭޝަންސްއާއި، އެލަޔަންސް ފޯ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކެކެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދު އާއި އެމްބެސެޑަރ އެޓް ލާރޖް ޑރ.އާސިމް އަހްމަދުގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުންނެވެ.